14:30


އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލަށް ހުށަހެޅިފައިވާ އިސްލާހް ތަކަށް ވޯޓަށް އަހަމުން ދަނިކޮށް، އެބިލަށް އެމްޑީޕީން ހުށަހެޅި އިސްލާހްތައް އަނބުރާ ގެންދަވައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ޖަލްސާ ބޮއިކަޓް ކޮށްފި އެވެ.


ހުސް ވަގުތުކޮޅަށްފަހު 1:00 ގައި ޖަލްސާ ފެށުމާއެކު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ، ޖަލްސާގެ ރޫހު ހުރިގޮތުން، އެމްޑީޕީން ހުށަހަޅާފައިވާ އިސްލާހްތައް މަޖިލީހުން ބަލައިގަންނަމުން ނުދާތީ އެމްޑީޕީމެންބަރުން ހުށަހަޅުއްވާފައިވާ އިސްލާހްތައް ޖުމްލަކޮށް އަނބުރާ ގެންދަވާ ކަމަށާއި، ޖަލްސާ ދޫކޮށް ޕާލަމެޓްރީ ގްރޫފު ވަޑައިގަންނަވާ ކަމަށެވެ.


މޫސަގެ މި ނިންމެވުމާ ގުޅިގެން ރިޔާސަރުން މަޖިލީހުގެ ރައީށް އަބްދުﷲ ޝާހިދު ވިދާޅުވީ، މެންބަރަކު މަޖިލީހަށް ހުށަހަލާ އިސްލާހެއް އަނބުރާ ގެންދެވޭނީ، ވޯޓަށް އެހުމުގެކުރިން ކަމަށް މަޖިލީހުގެ ގަވާއިދުގައި އޮންނަ އޮތުމަކީ ވޯޓަށް އެހުމުގެ ކުރިން އެ އިސްލާހެއް އަނބުރާ ގެންދިއުން ކަމަށެވެ. ނަމަވެސް މަޖިލީހުގައި މިހާރު އޮންނަނީ ޕާޓީ ސިސްޓަމަށްވެފައި ޕާޓީ މެންބަރަކު ހުށަހަޅާ އިސްލާހެއް އެ މެންބަރަކު ޖަލްސާގައި ނެތް ހިނދެއްގައި ޕާޓީގެ އެހެން މެންބަރަކަށް އެ އިސްލާހް ހުށަހެޅުމުގެ ފުރުސަތު ދެމުން އަންނާތީ އެމްޑީޕީން އަނބުރާ ގެންދިޔަ ކަމަށް ބުނާ އިސްލާހްތަކަށް ވޯޓަށް ނާއްސަވާނެ ކަމަށެވެ.


ނަމަވެސް ރިޔާސަތުން ނިންމެވި އެ ނިންމެވުމަށް ގިނަ މެންބަރުންތަކެއް ދެކޮޅުހައްދަވައި އެ އިސްލާހްތަކަށް ވެސް ވޯޓަށް އައްސަވަންޖެހޭނެ ކަމަށާއި، އެ އިސްލާހް ތަކަށް ވޯޓަށް ނާއްސަވައިފިނަމަ ބޮޑެތި މައްސަލަތަކެއް ދިމާވާނެ ކަމަށް ވިދާޅުވުމުން ރިޔާސަތުގެ ނިންމެވުން ބަދަލުކުރައްވައި އެމްޑީޕީ މެންބަރުން ހުށަހެޅުއްވި އިސްލާހް ތަކާއެކު ވޯޓަށް އައްސަވަން ފެއްޓެވި އެވެ.


މަޖިލީހުގެ ޖަލްސާ ދޫކުރައްވައި ވަޑައިގެންނެވި ސަބަބު ސަންއެފްއެމްގެ ބްރޭކިން ނިއުސްއަށް ކިޔައިދެއްވަމުން ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ، މަޖިލީހުން ބިލު ފާސްކުރި ނަމަވެސް ރާއްޖެ ހަތް ދާއިރާއަކަށް ބަހާލުމަށް ކުރާ މަސައްކަތް އެމްޑީޕީން ހުއްޓައި ނުލާނެ ކަމަށެވެ. އަދި ބިލް ފާސްކޮށްފިނަމަ ބިލަށް އިސްލާހް ހުށަހަޅުއްވާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.


އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލުގެ މަސައްކަތް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށްގެންދިއުމަށް ވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ.