ސޯލް(އޭޕްރިލް 24): އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރުން ހުއްޓާލާނީ އެމެރިކާ އިން ދެކުނު ކޮރެއާއާ އެކު ކޮންމެ އަހަރަކު ބާއްވާ އަސްކަރީ ތަމްރީނުތައް ހުއްޓާލުމުން ކަމަށް އުތުރު ކޮރެއާއިން ބުނެފި އެވެ.

އުތުރު ކޮރެއާގެ ފޮރިން މިނިސްޓަރު ރީ ސުޔޮންގް ވަނީ އެގައުމުން ނިއުކްލިއާ ހަތިޔާރު އުފައްދަނީ، ގައުމުގެ ދިފާއުގައި އެފަދަ ހަތިޔާރު އުފައްދަން އެމެރިކާއިން މަޖުބޫރު ކުރުވުމުން ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މިގޮތަށް ކުރިމަތިލަމުންދާ ނަމަ ދެގައުމުގެ އިތުރުން މުޅި ދުނިޔެއަށްވެސް އޭގެ ނުބައި ނަތީޖާގެ ސަބަބުން އަސަރު ކުރާނެ. [އެމެރިކާއިން ދެކުނު] ކޮރެއާގައި ކުރިއަށް ގެންދާ ނިއުކްލިއާ ހަނގުރާމައިގެ ތަމްރީނުތައް ހުއްޓާލުމުން އަޅުގަނޑުމެން ނިއުކްލިއާ ޓެސްޓުތައް ހުއްޓާލާނަން،" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް އެމެރިކާއިން ވަނީ ދެކުނު ކޮރެއާއާ އެކު ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތައް ދިފާއުކޮށްފައެވެ. އަދި އެތަމްރީނުތަކުގެ ސަބަބުން އެމެރިކާއިން ދެކުނު ކޮރެއާއަށް ވާގިވެރިވާ ކަން ސާބިތުވާ ކަމަށް އެމެރިކާގެ ވައިޓް ހައުސްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

މިނިސްޓަރު ސުޔޮންގް ވަނީ ބައިނަލްއަގުވާމީ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އުތުރު ކޮރެއާ ބިރު ނުގަންނާނެ ކަމަށް ވިދާޅުވެފައެވެ.