06 May 2011, 22:05
ލ. ގަމުގައި ރޭ ކަނޑިއަކުން ޖަހައި އަތް ބުރި ކޮށްލި ޒުވާނާ މާލެ ގެނެސް ފަރުވާ ދޭން ފަށައިފި އެވެ.
އައިޖީއެމްއެޗުން ބުނީ ރޭގެ ހަމަލާގައި ޒަޚަމްކޮށްލި، ގަމު މުކުރިމަގު ގޯލްޑަން ކްރޯން އަފުޒަލް އަލީ 20، އަށް ޕްލާސްޓާ ރޫމްގައި ފަރުވާ ދޭން ފަށާފައިވާ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ މިރޭ 8:45 ހާއިރު ކަމަށެވެ. އޭނާގެ އަތަށް ކަނޑިން ދިން ހަމަލާގައި ލިބިފައިވާ ގެއްލުންތަކުގެ ތަފުސީލު ފަހުން ދޭ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
ރޭގެ ހަމަލާ އާ ގުޅިގެން ފުލުހުން ވަނީ ކުޑަ ކުއްޖަކާއި ހަ މީހަކު ހައްޔަރު ކޮށްފަ އެވެ. އަދި އެ މީހުން ބަންދުގައި ބެހެއްޓުމުގެ މުއްދަތު ފޮނަދޫ ކޯޓަށް ހާޒިރުކޮށް މިރޭ ވަނީ 15 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރު ކޮށްދީފަ އެވެ.
http://sun.mv/albums/l_893.jpg
ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ފުލުހުން ހޯދަމުން އަންނަ ދެ މީހަކު ވަނީ ފިލާފަ އެވެ.
ރޭ އަފުޒަލަށް ހަމަލާދީ ކަނާތު ކުޑަހުޅާ ހަމައިން އެއްކޮށް ވަނީ ބުރި ކޮށްލާފަ އެވެ. އަތުން ވަކި ނުވެ ވަނީ ހަމައެކަނި ހަން ފަށަ ލައެއް ކަމަށް ގަމު ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އޭނާއަށް ހަމަލާދިނީ ގަމު ޕޮލިސް ސްޓޭޝަން ކައިރީގައި ހުންނަ މޮރާޑޯ ފިހާރައިގައި ސޭޓަކަށް އިންދަ ރޭ 10:45 ހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު ފިހާރައިގެ ތެރެއަށް ވަދެ އެވެ.
ގަމުގައި ޒުވާނަކަށް ހަމަލާދީ ޒަހަމްކޮށްލާފައި މިވަނީ އެ އަތޮޅު މާމެންދޫ ގައި ހުރި ޒުވާނަކަށް ހަމަލާދީ އޭނާގެ ކަނާތުފައިގެ ކަކުލު ހުޅު ޒަހަމްކޮށްލިތާ ދެ ހަފުތާ ފަހުންނެވެ.