މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކޮމިޝަނާ ޖެނެރަލްގެ މަގާމުގައި ހުންނެވި މުހައްމަދު ޖުނައިދު އެ މަގާމުން ވަކިކުރައްވައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސީއީއޯގެ މަގާމުގައި ހުންނެވި އިބްރާހިމް ޝަރީފު އެ މަގާމަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

ކޮމިޝަނާއަކަށް ޖުނައިދު ހަމަޖެއްސި ހަފްލާގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

ޖުނައިދު އެމަގާމަށް އައްޔަންކުރައްވާފައި ވަނީ އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ހުންނަވަވަނިކޮށް މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ. އަދި ޝަރީފް އެމްޕީއެލްގެ ސީއީއޯއަކަށް ވެސް ހަމަޖެއްސެވީ ހަމަ އެދުވަހު އެވެ.

އެމްޕީއެލްގެ ސީއީއޯގެ މަގާމަށް ބަދަލު ކުރެއްވުމުގެ ކުރިން ޝަރީފު ހުންނެވީ އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ. އޭނާ ވަނީ އެލައިޑް އިންޝުއަރެންސް ބޯޑުގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އަދި މޯލްޑިވްސް ގޭސްގެ ބޯޑުގެ ޗެއާމަންކަން ވެސް ކުރައްވާފައިވެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ޖުނައިދު ވަނީ އެމްޕީއެލްގެ ސީއީއޯގެ މަގާމަށް ބަދަލު ކުރައްވައިފަ އެވެ.