އަނބު މޫސުން ކައިރިވުމާ އެކު މާލޭގެ ބާޒާރުގައި އަނބު ތިޔާގިވެއްޖެ އެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ގިނަ އަދަދަކަށް އަނބު ވިއްކަން ހުރި އިރު 12 ނުވަތަ 15 އަނބުގެ ބައި ބައި ވިއްކަމުން ދަނީ 100 ރުފިޔާ އަށެވެ. ވަކި އަނބެއް ވިއްކަނީ 10 ރުފިޔާ އާއި 20 ރުފިޔާއާއި ދޭތެރޭ އަގުތަކެއްގަ އެވެ.

ބާޒާރުގައި ގިނައިން ވިއްކަން ހުރީ ފުވައްމުލަކާއި ށ.ފީވަކު އަންބެވެ.

އަނބު ހެއްދުމުގައި ނަން މަޝްހޫރު ފުވައްމުލަކު ދަނޑުވެރިއެއް މިއަދު ސަން އަށް ބުނީ އަދި ރަސްމީކޮށް އަނބު މޫސުން ނުފެށޭ ކަމަށާއި ނަމަވެސް ކުރިއަށް އޮތްތަނުގައި ރޯދައާ ހަމައަށް ބާޒާރުން ހުސްނުވެ އަނބު ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"މާދަމާ ވެސް އަނބު އަންނާނެ، މިހެންގޮސް ރޯދަޔާ ހަމައަށް އަނބު ލިބޭނެ." ދަނޑުވެރިޔާ ބުންޏެވެ.

ދަނޑުވެރިން ބުނާ ގޮތުން އަނބުގެ އަގު މިހާރު ހުރި މިންވަރަށް ވުރެ ބޮޑުނުވެ ހިފެހެއްޓޭނެ ކަމަށް ބެލެވޭ ކަމަށެވެ.