ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕްގެ ފިރިހެން ބައިގެ ފައިނަލުގައި ކްލަބު އެމްއާރްޑީސީ އާއި ޔުނައިޓެޑް ބީއެމްއެލް ބައްދަލުކުރާ މެޗު މާދަމާރޭ ކުޅެވޭނެ އެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ފައިނަލުގައި ކްލަބު އެމްއާރްޑީސީ އާއި ޔުނައިޓެޑް ބީއެމްއެލް ބައްދަލުކުރާ މެޗު މާފަންނު ސްޓޭޑިއަމް ވެލިދަނޑުގައި ފެށުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 9:00 ގައެވެ.

އެ މުބާރާތުގެ ފައިނަލަށް ކްލަބު އެމްއާރްޑީސީ އާއި ޔުނައިޓެޑް ބީއެއެމްއެލް ދަތުރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލް މެޗުތަކުން މޮޅުވެގެންނެވެ.

ބީއެމްއެލް ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ ސެމީ ފައިނަލުގައި މޯލްޑިވިއަންއާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެންނެވެ. މޯލްޑިވިއަންގެ ހުސެން އަލީ އާއި ހަމްޒާ މުހައްމަދު ކާމިޔާބުކޮށްދިން ދެ ގޯލުން އެ ޓީމު ކުރީގައި ވަނިކޮށް ފަހު ވަގުތު އެމްއާރުޑީސީން ވަނީ ދެ ގޯލު ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އެމްއާރުޑީސީން ކާމިޔާބުކުރި ދެ ގޯލުގެ ތެރެއިން ފުރަތަމަ ގޯލު އިޝާން އިބްރާހިމް ކާމިޔާބުކޮށްދިން އިރު، ދެ ވަނަ ގޯލު ކާމިޔާބުކޮށްދިނީ އިބްރާހިމް ހަމްދާނެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ލަނޑުގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވުމުން ނަތީޖާ ނެރެން ޖެހި ޕަނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ބީއެމްއެލް އިން ކާމިޔާބު ކުރިއިރު މޯލްޑިވިއަންއަށް ކާމިޔާބު ކުރެވުނީ އެންމެ ޕެނަލްޓީއެކެވެ.

އެ މުބާރާތުގެ ފައިނަލަށް އެމްއާރުޑީސީ ވެސް ދަތުރު ކުރީ ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ކުރީކޮޅުގައި އަބްދުﷲ ޝާފިއުގެ ގޯލުން އެމްއާރުޑީސީ ލީޑް ނަގާފައި ވަނިކޮށް ފެނަކައިން ވަނީ ފަހަތުން އަރައި ދެ ގޯލު ކާމިޔާބުކޮށް އެމްއާރުޑީސީ މައްޗަށް ކުރި ހޯދައިފަ އެވެ. އެ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ސަފްވާން ރަމްޒީ (ސޮއްޕެ) އާއީ އަބްދުﷲ ޝައްފާން އެވެ. އެމްއާރުޑީސީއަށް ނަތިޖާ ހަމަހަމަކޮށްދިނީ އަލީ ނާފިއު އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައިވުމުން ނަތީޖާ ނެރެން ޖެހި ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކޮށް އެމްއާރުޑީސީން ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ފެނަކައަށް ކާމިޔާބު ކުރެވިފައި ވަނީ ދެ ޕެނަލްޓީ އެވެ.