ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި، 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލުގައި ކްލަބު އިމިގްރޭޝަނާއި ޓީމް ފެނަކަ ބައްދަލުކުރާ މެޗު މިރޭ ކުޅޭނެ އެވެ.

ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލުގައި ކްލަބު އިމިގްރޭޝަނާއި ޓީމު ފެނަކަ ބައްދަލުކުރާ މެޗު މާފަންނު ސްޓޭޑިއަމް ވެލިދަނޑުގައި ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައެވެ.

ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލަށް ކްލަބު އިމިގްރޭޝަނާއި ޓީމް ފެނަކަ ދަތުރުކުރީ މިދިޔަ އަންގާރަ ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލު މެޗުތަކުން މޮޅުވެގެންނެވެ.

ފައިނަލުގެ ޖާގައެއް އިމިގްރޭޝަނުން ހޯދީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕޮލިސް ކްލަބުގެ މައްޗަށް 8-1 ލަނޑުން ކުރި ހޯދައިގެންނެވެ. އެ މެޗުގައި އިމިގްރޭޝަނުގެ ބިދޭސީ ކުޅުންތެރިޔާ ސިރްމަނީ އޮރަތައި ފަސް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ރާނީ މުލްޔާ ސަރީ ތިން ލަނޑު ކާމިޔާބުކުރި އެވެ. ޕޮލިސް ކްލަބުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ފާތިމަތު ޒާހިރާ އެވެ.

އެ މުބާރާތުގެ ފައިނަލުގެ ޖާގައެއް ފެނަކައިން ހޯދީ ސެމީގެ ދެވަނަ މެޗުގައި 3-1 ލަނޑުން އެމްއޭސީއެލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފެނަކައިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ބިދޭސީ ކުޅުންތެރިޔާ ޖިރަޕްރަޕާ ޓުޕްސޫރީ ޖެހިއިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޝަހުލާ ތައުފީގު އެވެ. މެޗުގައި އެމްއޭސީއެލްއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ފާތިމަތު ހަސްމާ އެވެ.