ދިމިޝްގު (އޭޕްރިލް 24): އެމެރިކާ އިން ސީރިއާއަށް އެއްގަމު ފައުޖުތައް ނުފޮނުވާނެ ކަމަށާއި ހަމައެކަނި އަސްކަރީ ބާރު ބޭނުންކޮށްގެން ސީރިއާގެ މައްސަލަ ހައްލު ނުވާނެ ކަމަށް އެމެރިކާގެ ރައީސް، ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ރައީސް އޮބާމާ އެފަދައިން ވިދާޅުވީ ބީބީސީ އަށް ދެއްވި ބަސްދީގަތުމެއްގަ އެވެ.

"ސީރިއާގައި އޮތް ބައްޝާރުލް އައްސަދުގެ ވެރިކަން ވައްޓާލަން އެމެރިކާ އިން ނުވަތަ އިނގިރޭސިވިލާތުން އެއްގަމު ފައުޖުތައް ފޮނުވުން ނުވާނެ ރަނގަޅު ކަމަކަށް. ހަމައެކަނި އަސްކަރިއްޔާގެ ބޭނުން ކޮށްގެން އަދި ހާއްސަކޮށް އެއްގަމު ފައުޖުތައް ފޮނުވައިގެން ސީރިއާގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ނުލިބޭނެ،" އޮބާމާ ވިދާޅުވި އެވެ.

ސީރިއާ އަށް އެއްގަމު ފައުޖުތައް ނުފޮނުވި ނަމަވެސް، އެމެރިކާ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ސީރިއާގެ ރައްގާ ފަދަ ސަރަހައްދުތަކުގައި ތިބި އައިއެސްގެ ހަނގުރާމަވެރިންނަށް ހަމަލާދެމުން ދާނެ ކަމަށް އޮބާމާ ވިދާޅުވި އެވެ. އަދި ސީރިއާ އިން ޔޫރަޕަށް ހަނގުރާމަވެރިން ފޮނުވާ ސަރަހައްދުތައް ބަންދު ކުރާނެ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.

ނަމަވެސް، ބާކީ އޮތް ނުވަ މަސް ތެރޭގައި އައިއެސް ނައްތާލުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް އޮބާމާ ފާހަގަ ކުރެއްވި އެވެ. (ބީބީސީ)