ރިޔާޒް (އެޕްރީލް 24) : ތެލުގެ އާމްދަނީއަށް ބަރޯސާވާ ގައުމަކުން ތެޔޮނޫން ތަފާތު އިންވެސްޓްމަންޓްތަކާއި ސެކްޓަރުތަކުގެ އިގްތިސާދަކަށް ސައޫދީ އަރަބިޔާ ބަދަލުކުރުމުގެ ކަންތައް ވަރަށް ބާރަށް ކުރިޔަށްގެންދާ ކަމަށް އެގައުމުގެ ވަލީއުލްއަހްދުގެ ނައިބު އަދި ދިފާއީ ވަޒީރު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

އިގްތިސާދީ ދާއިރާ ކަވަރުކުރާ މަޝްހޫރު ބޮލަންބާގް ނޫސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި މުހައްމަދު ބިން ސަލްމާން ވިދާޅުވީ ތެޔޮނޫން ތަފާތު އިންވެސްޓްމަންޓްތަކާއި ސެކްޓަރުތަކުގެ އިގްތިސާދަކަށް ސައޫދީ އަރަބިޔާ ބަދަލުކުރުމުގެ ކަންތައް ކުރިޔަށްދަނީ ސީދާ އޭނާގެ ބެއްލެވުމުގެ ދަށުންކަމަށާއި އެކަމުގައި އޭނާ އަށް ލަފާދޭ ތަޖްރިބާކާރުންނާއި ޓެކްނޮކްރޭޓުންގެ ޓީމެއް އޮންނަކަމުގަ އެވެ.

ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ އެންމެ ހަނގުދަރިކަލުން ކަމަށްވާ ސަލްމާން ވިދާޅުވީ ތަފާތު ސެކްޓަރުތަކުގެ އިގްތިސާދަކަށް ސައޫދީ އަރަބިޔާ ބަދަލުކޮށްނުލެވިއްޖެ ނަމަ މިހާރުގެ ތެލުގެ އަގުތައް ހުރި ގޮތުން 2017 ވަނަ އަހަރާ ހަމައަށްދާ އިރު ސައޫދީ އަރަބިޔާ އިގްތިސާދީ ގޮތުން އިނދަޖެހި ބޭންކްރަޕްޓް (އިފްލާސް) ވާނެ ކަމަށާއި ނަމަވެސް އެކަމާ ބެހޭ ޕްލޭންތައް އެކަށައަޅައި އެޕްލޭންތައް ވަރަށް ބާރަށް ތަންފީޒު ކުރެވެމުންދާތީ ތެލުގެ އަގު ކިތަންމެ ދަށަށް ދިޔަ ނަމަވެސް ސައޫދީ އިގްތިސާދު ހީނަރުވެގެންނުދާނެ ކަމުގައެވެ.

ސައޫދީ ރަސްކަމާއި ވެރިކަމުގެ ނިޒާމުގައި (ބައްޕާފުޅުގެ ފަހަތުގައި ހުންނަވައިގެން) އެންމެ ބާރުގަދަ ޝަޚްސިއްޔަތެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ޒުވާން ލީޑަރަކީ އުމުރުން 30 އަހަރުގެ މުހައްމަދު ބިން ސަލަމާން އެވެ. ތެލަށް ބަރޯސާނުވާ ތަފާތު ސެކްޓަރުތަކުގެ އިގްތިސާދަކަށް ސައޫދީ އިގްތިސާދު ބަދަލުމުގެ ޕްލޭންގައިވާ ކަންތައްތަކުގެ ތެރޭގައި ދުނިޔޭގެ ފެންވަރުގެ މާލީ މަރުކަޒަކަށް ސައޫދީ އަރަބިޔާ ހެދުމާއި އެގައުމުގެ ބަޖެޓްގައި ހިމެނޭ އިސްރާފް ކުރުމުގެ ކަންތައްތައް ހުއްޓާލުމާއި މިހާރަށް ވުރެ 25 ޕަސެންޓް ކުޑަ ބަޖެޓެއް އެކަށައެޅުމާއި ތެޔޮނޫން ސެކްޓަރުތަކުގައި ސައޫދީގައި އިންވެސްޓް ކުރުމުގެ ފުރްސަތު ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލުން ހިމެނެ އެވެ.

މީގެ ތެރޭގައި ދަނޑުވެރިކަމުގެ ސެކްޓަރާއި ފަތުރުވެރިކަމުގެ ސެކްޓަރާއި ސިނާއަތުގެ ސެކްޓަރު ފަދަ ސެކްޓަރުތައް އިތުރަށް ފުޅާކޮށް ވަރުގަދަކުރުން ހިމެނެ އެވެ. މީގެ އިތުރުން އަރާމްކޯ ފަދަ ސައޫދީ ސަރުކާރު ބިޔަ ކުންފުނިތަކުގެ ހިއްސާ ދުނިޔޭގެ ހިއްސާގެ ބާޒާރުގައި ވިއްކުމާއި ސައޫދީގައިވާ ރިޒާވް ފައިސާ ބޭނުންކޮށްގެން ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ހިއްސާ ގަތުން ވެސް މިޕްލޭންގައި ހިމެނެ އެވެ.

ސައޫދީ އަރަބިޔާއަކީ އެގައުމުގެ އާމްދަނީގެ 90 ޕަސެންޓް ތެލުގެ އާމްދަނީ އަށް ބަރޯސާވާ ގައުމެކެވެ. ދެހާސް ތޭރަ ވަނަ އަހަރުންފެށިގެން ތެލުގެ އަގު އާދަޔާ ޚިލާފަށް ދަށަށްދިޔުމުގެ ސަބަބުން ސައޫދީ އަށް ވަނީ އަހަރަކު އެތައް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ގެއްލުމަކާ ކުރިމަތިލާންޖެހިފަ އެވެ. މިއާއެކު ބަޖެޓް ދެކޮޅު ޖެއްސުމަށްޓަކައި ސައޫދީ އަރަބިޔާއިންވަނީ އެގައުމުން ފަހަށް ރައްކާކޮށްފައިވާ ރިޒާވް ފައިސާގެ ތެރޭން ވެސް ބޮޑުބައެއް ބޭނުންކޮށްފަ އެވެ. (ނޫސްއެޖެންސީތައް)