24 Apr 2016, 13:37
ސްޕެނިޝް ލީގްގައި ބާސެލޯނާ އާއި ސްޕޯޓިން ޖިއޯން ކުޅުނު މެޗުގައި ސުއަރޭޒް ކާމިޔާބް ކުރި ހަތަރު ގޯލާއި އެކު 6-0ގެ ނަތީޖާ އަކުން ފަސޭހަކަމާ އެކު ބާސާ މޮޅުވެ ލީގްގެ އެއްވަނަ އެޓީމުން ދިފާއު ކޮށްފި އެވެ.
އެ މޮޅާ އެކު ބާސާ އެއްވަނާގައި 82 ޕޮއިންޓާ އެކު އޮތް އިރު ހަމަ އެ އަދަދަށް ޕޮއިންޓް ލިބި ގޯލުގެ ތަފާތުން ދެވަނާގައި އޮތީ އެތުލެޓީކޯ މެޑްރިޑްއެވެ. ތިން ވަނާގައި އޮތް ރެއާލް މެޑްރިޑަށް ލިބެނީ 81 ޕޮއިންޓެވެ.
ބާސާގެ ކޭމްޕް ނޯގައި ކުޅުނު އެ މެޗުގައި ކުރީ ކޮޅުގައި ލިއޮނަލް މެސީ ބާސާ އަށް ލީޑް ނަގާދިން އިރު ފުރަތަމަ ހާފް ނިމިގެން ދިޔައީ އެއް ގޯލުގެ ތަފާތުން ބާސާ ކުރީގައި އޮވެގެންނެވެ. ނަމަވެސް ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު އެ މެޗުގައި ސުއަރޭޒް ވަނީ ދެ ވަނަ ހާފްގައި ފަނަރަ މިނެޓް ތެރޭގައި ތިން ގޯލު ކާމިޔާބް ކޮށް ހެޓްރިކެއް ހަދައި ބާސާ އަށް ބޮޑު ލީޑެއް ނަގާދީފަ އެވެ.

ބާސެލޯނާ އާއި ސްޕޯޓިން ޖިއޯން ކުޅުނު މެޗުގައި މެސީ އަތުން ބޯޅަ ހޯދުމަށް ސްޕޯޓިންގެ ކުޅުންތެރިއަކު މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ
ބާސާގެ ފަހު ގޯލު ވެސް ސުއަރޭޒް ކާމިޔާބު ކުރި އިރު އަނެއް ގޯލު ކާމިޔާބު ކޮށްދިނީ ނޭމާ އެވެ. އެ މެޗުގައި ސުއަރޭޒް ކާމިޔާބު ކުރި ހަތަރު ގޯލާއި އެކު އޭނާ ވަނީ ރެއާލް މެޑްރިޑްގެ ކުރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު ލަނޑު ލިސްޓްގެ ކުރިއަށް 34 ގޯލާ އެކު އަރައިފަ އެވެ. ރޮނާލްޑޯ ދެވަނާގައި އޮތީ 31 ގޯލު އެކު އެވެ.
ސްޕެނިޝް ލީގްގެ ވާދަވެރިކަން ބޮޑު ވެފައިވާ އިރު ބާސާގެ ފަހަތުން ވިއްދާފައި އޮތް އެތުލެޓިކޯ އާއި ރެއާލް މެޑްރިޑް ވެސް ވަނީ ރޭ ކުޅުނު މެޗުތަށް ކާމިޔާބުކޮށްފަ އެވެ.
ރަޔޯ ވަލްކާނޯގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ދެ ގޯލު ޖަހާ ލީޑް ނަގާފައި ވަނިކޮށް ރެއާލް އިން އެ މެޗު ކާމިޔާބު ކުރީ ފަހަތުން އަރައި ތިން ގޯލު ކާމިޔާބު ކޮށްގެން 3-2ގެ ނަތީޖާ އަކުންނެވެ.

ސްޕެނިޝް ލީގްގައި ރޭ ރަޔޯ ވަލްކާނޯ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ރެއާލް މޮޅު ކޮށްދިން ގޯލު ބޭލް ޖަހަނީ --- ފޮޓޯ:އޭޕީ
އެ މެޗުގެ ކުރީ ކޮޅުގައި ވަލްކާނޯގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އެޑްރީ އެމްބަބާ އާއި މިކޫ ފެޑޯ އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓޮނީ ކްރޫސްގެ އެހީތެރިކަމާ އެކު ގެރެތް ބޭލު ރެއާލް އަށް ގޯލެއް ކާމިޔާބުކޮށްދިން އިރު އެ ޓީމަށް ނަތީޖާ އެއްވަރުކޮށް ދިނީ ސްޕައިންގެ ޒުވާން ފޯވާޑް ލޫކަސް ވަޒްކޭޒް އެވެ.
އެ ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް ރެއާލް އަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދިން ގޯލު މެޗުގެ 81 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލު ވެސް ރެއާލް އަށް ކާމިޔާބުކޮށްދިން ބޭލް އެވެ.

ސްޕެނިޝް ލީގްގައި އެތުލެޓިކޯ އާއި މަލާގާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އެތުލެޓިކޯގެ ދަނޑުގައި އެ ޓީމް މާލާގާއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު މެޗުގެ 62 ވަނަ މިނެޓްގައި އެތުލެޓިކޯ އަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ އަންހެލް ކޮރެއާ އެވެ.