ބޭންކް އޮފް މޯލްޑިވްސް އިން ރޭ ތައާރަފު ކުރި "ބީއެމްއެލް ގިފްޓް ކާޑު" ބާޒާރަށް ނެރެފި އެވެ.

ބީއެމްއެލް އިން މައުލޫމާތުދޭ ގޮތުގައި، އެ ކާޑަކީ، މާސްޓާ ކާޑާ ގުޅިގެން އެ ބޭންކުން ތައާރަފު ކުރި ކާޑެކެވެ. މިއީ ހަދިޔާއެއްގެ ގޮތުގައި ރަހުމަތްތެރިއަކަށް ނުވަތަ އާއިލާގެ މެމްބަރަކަށް ދިނުމަށް ރަނގަޅު އެއްޗެކެވެ.

ވެޑިންގްއަކަށް ދާ އިރު، ގެންދާނެ ހަދިޔާއެއް ނޭނގިގެން އުޅުމަށް އައި ނިމުމަކަށް ވެދާނެ އެވެ. ސިޓީ އުރައެއްގައި ފައިސާ ހަދިޔާ ކުރުމަށް ވުރެ ރީތިކޮށް ފައިސާ ހަދިޔާ ކުރެވޭނެ ގޮތެކެވެ.

މި ކާޑު ރޭ ތައާރަފު ކުރެވުނީ، މޯލްޑިވިއަން އައިޑަލްގެ ނުވަ ވަނަ ގާލާ ރައުންޑުގެ އެލިމިނޭޝަން ރައުންޑުގަ އެވެ. ބީއެމްއެލް އިން ގިފްޓު ކާޑު ތައާރަފު ކުރުމުގެ ގޮތުން، 10،000 ރުފިޔާގެ ވެލިއު ހުންނަ ކާޑެއް، މޯލްޑިވިއަން އައިޑަލްގެ ޓޮޕް ފަސްގެ ކޮންމެ ބައިވެރިއަކަށް ހަދިޔާ ކުރި އެވެ.

އެހެން ނަމަވެސް ބީއެމްއެލް އިން ބާޒާރަށް ނެރުނު ގިފްޓު ކާޑު ހުންނަނީ ތަފާތު ޑިނޯމިނޭޝަންތަކެއްގަ އެވެ. ބާޒާރުގައި ވިއްކަން ހުންނާނީ 200 ރުފިޔާ، 300 ރުފިޔާ، 500 ރުފިޔާ، 700 ރުފިޔާ އަދި 1،000 ރުފިޔާގެ ގިފްޓު ކާޑެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން، ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުން، އެ ކާޑު ދެ ގޮތަކަށް ބޭނުން ކުރެވެ އެވެ. ފުރަތަމަ ގޮތަކީ، ބޭންކް އޮފް މޯލްޑިވްސްގެ ޕީއޯއެސް މެޝިން މެދުވެރިކޮށް، ޑެބިޓް ކާޑެއްގެ ގޮތުގައި ބޭނުން ކުރުމެވެ. ދެ ވަނަ ގޮތަކީ، ރާއްޖޭގެ އޮންލައިން ވެބްސައިޓުތައް މެދުވެރިކޮށް ވިޔަފާރި ކުރުމެވެ. އެ ގިފްޓު ކާޑެއްގައި ހުރި ފައިސާ ހުސްވަންދެން، މި ދެ ގޮތަށް ކާޑު ބޭނުންކުރެވޭނެ އެވެ.

ބީއެމްއެލް ގިފްޓު ކާޑު މިހާރު ލިބެން ހުރީ ބީއެމްއެލް ލައިޓުގެ އިތުރުން، އެސްޓާސް، ނޮވެލްޓީ ބުކްޝޮޕް އަދި ރައުންޑް ވަން ބުކްޝޮޕުންނެވެ. އެހެން ނަމަވެސް، ބީއެމްއެލް އިން ބުނާ ގޮތުގައި، މާލެ އާއި އަތޮޅު ތެރޭގެ ގިނަ ފިހާރަތަކުން ގިފްޓު ކާޑު ދާދި އަވަހަށް ލިބެން ހުންނާނެ އެވެ.