06 May 2011, 20:52
ތަކެތީގެ އަގުއުފުލެމުންދާ ކަމަށް ބުނެ މާލޭގައި ގިނަ އަދަދެއްގެ ބަޔަކު ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކާ ދެކޮޅު ހެދުމަށް އެމްޑީޕީން މިއަދު ބޭއްވި މުޒާހަރާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެން އަޑު އުފުއްލަވައި ވާހަކަ ދައްކަވައިފި އެވެ.
މިއަދު ހަވީރު 4:00 ޖެހިއިރު ސުނާމީ ބިނާ ކައިރީގައި ގިނަ ބަޔަކު އެއްވެ އަޑުގަދަކުރަމުންދިޔަ އިރު، ރައީސް ނަޝީދު ހިންގަވާފައި ވަޑައިގެން މުޒާހަރާއާ ގުޅިވަޑައިގަތީ މުޒާހަރާ ފެށިތާ ކުޑައިރުކޮޅެއްވީ ފަހުންނެވެ.
އެމްޑީޕީގެ އިސް މެމްބަރުންނާއި އަދި ޕާލިމެންޓްރީ ގްރޫޕް ގިނަ މެމްބަރުން ވެސް ބައިވެރިވެވައިގެންނެވި އެ މުޒާހަރާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ، ޑޮލަރުގެ އަގު ބޮޑުވުމަކީ އިރުއަރާ އިރުއޮއްސުން ފަދަ ގުދުރަތީ ކަމެއްކަމަށް ސިފަކުރައްވައިފަ އެވެ. އަދި މުޒާހަރާކޮށްގެން ޑޮލަރުގެ އަގު ބަދަލު ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކްސްޗޭންޖް ރޭޓް ދޫކޮށްލެވުނީމާ ޑޮލަރުގެ އަގެއް ތިރިއެއް ނުވާނެ މުޒާހަރާއަކުން، އިރުއަރާ އޮއްސުމެއް ނުހުއްޓުވޭނެ މުޒާހަރާއަކުން. ލޮނުގަނޑަށް އަންނަ ބަދަލުތަކެއް ނުހުއްޓުވޭނެ މުޒާހަރާކޮށްގެންނެއް،" ޕާޓީގެ "އިސް ލީޑަރު" ކަމަށް މުހާތަބުކޮށް ވާހަކަ ދެއްކި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ މާލީ ސިޔާސަތަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން އަންނަ އަހަރުގެ ބަޖެޓްގައި ޑެފިސިޓެއް ނޯންނާނެ ކަމަށެވެ. އަދި ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރާ ހުރިހާ ބާވަތަކުން ޑިއުޓީ ކަނޑާލާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ވަރަށް ފާޅުގައި ރައީސް ނަޝީދު ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި އެމްޑީޕީގެ ޓިކެޓުގައި އެމަނިކުފާނު ވާދަކުރައްވާނެކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން މިހާރު އޮތް ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާނުލެވޭނެ ކަމަށާއި ވެރިކަން ބަދަލުކުރަން ބޭނުންވަންޏާ ޖެހޭނީ 2013 ވަނަ އަހަރު އެމަނިކުފާނާ ވާދަކުރައްވަން ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ގަބޫލުކުރައްވާ ވެރިކަން ވައްޓާލުމަށްޓަކައި ކުރީގައި އެ ގެންގުޅުއްވާ ބޯދާ ފިކުރު މިއަދަކު ދެކޮޅެއް ނުޖެހޭނެ. ދެއުޅިއެއް ނުވާނެ. ފެނެއް ނުހިފަހައްޓާނެ. މިއަދު ވެރިކަން ބޭނުމިއްޔާ އަޅުގަނޑާ ވާދަކުރައްވަން ޖެހޭނީ. 2013 ވަނަ އަހަރު އަޅުގަނޑާ ވާދަކުރައްވަން ނުކުންނަވާ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފުރިހަމަ ކާމިޔާބުގައި އަނެއްކާވެސް އެމްޑީޕީގެ ސަރުކާރެއް އުފައްދާނަން." ރައީސް ވިދާޅުވި އެވެ.
އެހެންނަމަވެސް، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ދެވަނަ ދައުރަކަށް ރައީސް ކަމަށް ކުރިމަތިނުލައްވާނެ ކަމަށެވެ.
މުޒާހަރާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް ޑރ. އިބްރާހީމް ދީދީ ވިދާޅުވީ، އިދިކޮޅު ފަރާތްތަކާ އެކު ސުލްހަވެރިކަމާ އެކު ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ އިދިކޮޅު ޕާޓީތަކުން އެމްޑީޕީއާ އެކު ވާހަކަ ދެއްކުމަށް މޭޒުދޮށަށް އައުމަށް އޭނާ ދައުވަތު ދެއްވި އެވެ.
"ޑީއާރުޕީގެ ލީޑަރު ތަސްމީނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑު މިހިރީ ތައްޔާރަށޭ މޭޒުކައިރިއަށް ގޮއްސަ ސުލްހަވެރި އެއްބަސްވުންތައް އެއްބަސް ވުމަށް" ޑރ. ޑީޑީ ވިދާޅުވި އެވެ.
އެމްޑީޕީގެ މިއަދުގެ މުޒާހަރާގައި ވެސް، ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމަށް ވަރަށް ބޮޑަށް ފާޑުކިޔައިފައިވެ އެވެ. އެގޮތުން މިހާރު ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކުގެ ފަހަތުގައި ހުންނެވީ ކުރީގެ ރައީސް މައުމޫނު ކަމަށް ބުނެ، އެމަނިކުފާނު ހައްޔަރުކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކު އަޑުއުފުލަމުން ގެންދެވި އެވެ.
"މާލެއަކަށް ދެނެއް ނާރުވާނަން، ކުރީފަހަރު ރައީސް ނަޝީދު ވިދާޅުވީ ނާރުއްވައްޗޭ، ނަސޭހަތެއް ދެއްވީ، އަޅުގަނޑު މިދެނީ މައުމޫނަށް އިންޒާރު. ނާރާތި މިރާއްޖެއަށް،" މޫސަ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ބޮޑު ނާކާމިޔާބަކާ ކުރިމަތި ވުމަށް ފަހު ސިޔާސީ ކަންކަމުން އެކަހެރިވީ ކަމަށް ވިދާޅުވެފައިވާ ސޯޝަލް ލިބަރަލް ޕާޓީގެ ލީޑަރު އަދި ރައީސްގެ އެޑްވައިޒަރު އިބުރާހީމް އިސްމާއީލް (އިބްރާ) މިއަދު ވިދާޅުވީ، ޑީއާރުޕީ ރާއްޖޭގެ ސިޔާސީ މައިދާނުން ފުހެވިއްޖެ ކަމަށެވެ. އަދި ޑީއާރުޕީގެ ނޫކުލަ ފެންނާނީ ހަމައެކަނި ރާއްޖޭގެ ކަނޑުތަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއީ އެމްޑީޕީ ވެރިކަމަށް އައި ފަހުން އެޕާޓީން ބޭއްވި ދެވަނަ މުޒާހަރާ އެވެ. ގައުމުން ކޮރަޕްޝަން ނައްތާލައި، އަދި އިދިކޮޅު ލީޑަރުން ކަމުގައިވާ އަބްދުﷲ ޔާމީނާއި ގާސިމް އިބްރާހިމް ހައްޔަރުކުރުމަށް ގޮވާލައި އެމްޑީޕީން ވަނީ މިދިޔަ އަހަރު މާލޭގައި ހިނގާލުމެއް ބާއްވައިފައި އެވެ.