24 Apr 2016, 18:09
ތައިލެންޑު ފިޔަވައި، ދެކުނު އޭޝިޔާ ސަރަހައްދުގައި އެންމެ އިތުބާރާ އަދި ޔަގީންކަމާ އެކު އިންވެސްޓު ކުރެވެނީ ރާއްޖޭގައި ކަމަށް ރާއްޖޭގައި ރިސޯޓު ހިންގަމުން އަންނަ ތައިލޭންޑުގެ ހޮޓެލް ގްރޫޕުތަކުން ބުނެފި އެވެ.
ތައިލޭންޑުގެ ހޮޓެލް ގްރޫޕުތަކުން އެހެން ބުނެފައި ވަނީ ރާއްޖެ އަދި އަވައްޓެރި ލަންކާގެ ނޫސްވެރިންނާ އެކު މިދިޔަ ހަފްތާގައި ކުރިއަށް ދިޔަ ބައްދަލުވުންތަކުގަ އެވެ. އެ ބައްދަލުވުންތަކުގައި ސަން މީޑިއާ އަދި ޕަބްލިކް ސަރވިސް މީޑިއާގެ ނޫސްވެރިން ބައިވެރިވި އިރު، ރާއްޖޭގައި ރިސޯޓު ހިންގާ ތައިލޭންޑު ބޮޑު ހަތަރު ކުންފުނީގެ އިސްވެރިންނާ ވަނީ ބައްދަލުކޮށްފަ އެވެ.
ދިވެހި ނޫސްވެރިން ބައްދަލުކޮށްފައި ވަނީ ރާއްޖޭގައި މިހާރުވެސް ހަ ރިސޯޓު ހިންގަމުން އަންނަ މައިނަރ ގްރޫޕް އާއި ރާއްޖޭގައި ދެ ރިސޯޓު ހިންގަމުން އަންނަ ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސް، ޑުސިތު އިންޓަނޭޝަނަލް އަދި އޮނިކްސް ހޮސްޕިޓަލިޓީ ގްރޫޕް އާއެވެ.
ބައްދަލުވުންތަކުގައި ހުރިހާ ގްރޫޕަކުން ވެސް ވަނީ ރާއްޖޭގައި އެމީހުންގެ ވިޔަފާރިތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، އެ ވިޔަފާރިތަކާ މެދު ފަހުރުވެރިވާ ކަމަށްވެސް ބުނެފަ އެވެ.
އޮނިކްސް ހޮސްޕިޓަލިޓީ ގްރޫޕް:
ގދ. އަތޮޅުގައި އަމާރީ ހަވޮއްޑާ ރިސޯޓު ހިންގަމުން އަންނަ އޮނިކްސް ގްރޫޕުން ބުނީ ރިސޯޓު ހުޅުވި ފުރަތަމަ މަހުގައިވެސް ހީނުކުރާ ވަރުގެ އާމްދަނީއެއް ލިބުނު ކަމަށާއި، މިހާރުވެސް ރިސޯޓުގެ އޮކިއުޕެންސީ ރޭޓު ވަރަށް މަތި ކަމަށެވެ.
އޮނިކްސް ހޮސްޕިޓަލިޓީ ގްރޫޕުގެ ރައީސް އަދި ސީއީއޯ ޕީޓަރ ހެންލީ -- ސަން ފޮޓޯ
ރާއްޖޭގައި އިންވެސްޓް ކުރީވެސް ވަރަށް ބޮޑު އުންމީދަކާ ޔަގީންކަމަކާ އެކުގައި ކަމަށާއި، ކުރިއަށް ކުރެވޭ އުންމީދު ބޮޑު ކަމަށް ގްރޫޕުގެ ރައީސް އަދި ސީއީއޯ ޕީޓަރ ހެންލީ ވަނީ ވިދާޅުވެފަ އެވެ.
"ރާއްޖޭގެ ކުރިމަގު ވަރަށް އުޖާލާ. ވަރަށް ކުރިއަށް ދާނެ. ރާއްޖެއާ މެދު އަހަރެމެންނަށް ވަރަށް ބޮޑު އުންމީދެއް ކުރެވޭ."ހެންލީ ވިދާޅުވި އެވެ.
ހެންލީ ވަނީ ކައިރި މުސްތަގުބަލެއްގައި ރާއްޖޭގައި އިތުރު ރިސޯޓެއް ހުޅުވުމުގެ ވިސްނުން ހުރިކަމަށްވެސް ވިދާޅުވެފަ އެވެ.
ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސް:
ސެންޓާރާ ގްރޫޕުން އަންނަނީ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ އަދި ސެންޓާރާ ރަސް ފުށި ރިސޯޓް އެންޑް ސްޕާގެ ނަމުގައި ދެ ރިސޯޓެއް ހިންގަމުންނެވެ. އަދި އިތުރު ރަށްތަކެއް ގަނެ ރިސޯޓު ވިޔަފާރި އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ގްރޫޕުން ވަނީ ބުނެފަ އެވެ.
ސެންޓާރާ އިންޓަނޭޝަނަލްގެ ވައިސް ޕްރެޒިޑެންޓް ސުޕާރަތު ޗިރަތިވަތު -- ސަން ފޮޓޯ
"މިހާރު އިތުރު ފަސް ރަށެއް ގަތުމަށް މަސައްކަތް ކުރަމުން މި ދަނީ. އަހަރުމެންނަށް ވަރަށް ރަނގަޅަށް އިނގޭ ރާއްޖެ. އެހެންވީމަ ރާއްޖޭގައި އިންވެސްޓް ކުރަން ވަރަށް ފަސޭހަ. ވަރަށް ހިތްހަމަ ޖެހޭ." ސެންޓާރާ އިންޓަނޭޝަނަލްގެ ވައިސް ޕްރެޒިޑެންޓް ސުޕާރަތު ޗިރަތިވަތު ވިދާޅުވި އެވެ.
ސުޕާރަތު ވިދާޅުވީ، ފަތުރުވެރިކަމުގެ ރޮނގުން ބަލާއިރު ރާއްޖެ އުޅެނީ ވަރަށް ބޮޑަށް ކުރީގައި ކަމަށާއި، އަވައްޓެރި ލަންކާއަށް ރާއްޖެއިން ވަރަށް ގިނަ ކަންތައްތައް ދަސްކުރަން ޖެހިފައިވާ ކަމަށެވެ.
ދުސިތު އިންޓަނޭޝަނަލް:
ރާއްޖޭގައި ދުސިތު ތާނީ ހިންގަމުން އަންނަ ދުސިތު އިންޓަނޭޝަނަލް އިން ބުނީ ދުސިތު ތާނީ އަކީ އެ ގްރޫޕުގެ އެންމެ ކާމިޔާބު އެއް ވިޔަފާރި ކަމަށާއި ކުރެވުނު އިންވެސްޓްމެންޓާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
އެގޮތުން އެ ގްރޫޕުގެ އިތުރު ރިސޯޓެއް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަން ދުސިތު އިންޓަނޭޝަނަލްގެ ވައިސް ޕްރެޒިޑެންޓް ރަސްޓަމް ވިކާރސް ވަނީ ވިދާޅުވެފަ އެވެ.
ދުސިތު އިންޓަނޭޝަނަލްގެ ވައިސް ޕްރެޒިޑެންޓް ރަސްޓަމް ވިކާރސް -- ސަން ފޮޓޯ
ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރަސްޓަމް ވިދާޅުވީ، ރާއްޖޭގެ ކުރިމަގަކީ އަދި މައި އާމްދަނީ އަކީވެސް ފަތުރުވެރިކަމަށް ވުމުން، އެ ދާއިރާއިން ކިޔެވުމަށް އިތުރު ފުރުސަތުތައް ދިވެހީންނަށް ފަހިކޮށްދިނުން މުހިންމު ކަމަށެވެ.
މައިނަރ އިންޓަނޭޝަނަލް
އެ ގްރޫޕުން ރާއްޖޭގައި ހަ ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. އެއީ އަނަންތަރާ ކިހަވައް ވިލާސް މޯލްޑިވްސް، އަނަންތަރާ ވެލި މޯލްޑިވްސް، އަނަންތަރާ ދިގު މޯލްޑިވްސް، ނިޔާމަ، ހުވަފެންފުށި އަދި ނަލަދޫ މޯލްޑިވްސް އެވެ.
މައިނަރ ހޮޓެލް ގްރޫޕުގެ ސީއީއޯ ދިލިޕް ރާޖާކަރިއަރ ވިދާޅުވީ، ފަތުރުވެރިކަމުގައި ރާއްޖެ ކުރިއަށް ދަނީ "އެންމެ ރަނގަޅު ފަތުރުވެރިންގެ ސަމާލުކަން ހޯދަމުން" ރަނގަޅު މިސްރާބަކަށް ކަމަށެވެ.
ދިލިޕް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅު ހުރީ ރާއްޖޭގައި މެދު ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ތިން ތަރިއާ ހަތަރު ތަރީގެ ރިސޯޓުތައް އިތުރު ކުރުމަށް ކަމަށެވެ.
އެހެންކަމުން މިވަގުތު ވިސްނުން ހުރީ ރާއްޖޭގައި ހަތަރު ތަރީގެ ރިސޯޓު ހުޅުވުމަށް، ރާއްޖެއަށް "އަވާނީ" ބްރޭންޑް ތައާރަފް ކުރުމަށް ކަމަށް ދިލިޕް ވިދާޅުވި އެވެ. އަވާނީ އަކީ މައިނަރ ގްރޫޕުގެ ބްރޭންޑެކެވެ.
"ރާއްޖެއިން ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ފަރުވާތެރިވާން ޖެހޭ. މިހާރުވެސް ރާއްޖޭގައި އޮތީ ވަރަށް ރަނގަޅު ފަތުރުވެރިކަމެއް. ނަމަވެސް އަދިވެސް ބޮޑަށް މެދު ފަންތީގެ ފަތުރުވެރިންނަށް ސަމާލުކަން އިތުރުކޮށް، ބެލެންސެއް ގެންގުޅެއް ޖެހޭ،" ދިލިޕް ވިދާޅުވި އެވެ.
ތައިލެންޑުގެ ހޮޓެލް ގްރޫޕް ތަކުން ބުނީ ރާއްޖޭގައި މިހާރު ގިނައީ ފަސް ތަރީގެ ރިސޯޓު ކަމަށާއި، އެއާއެކު ވެސް މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރުމުން ރާއްޖެއަށް އޮތް ޑިމާންޑު ވަރަށް ބޮޑުކަން ހާމަވާ ކަމަށެވެ.
އެހެންކަމުން ރާއްޖެއަށް ހަތަރު ތަރި ނުވަތަ ތިން ތަރީގެ ރިސޯޓު އިތުރުކޮށްފި ނަމަ، ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު ވަރަށް ބޮޑުތައް އިތުރުވާނެ ކަމަށް އެފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ.