24 Apr 2016, 10:53
އިނގިރޭސި ޕްރިމިއާ ލީގުގައި ސްޓޯކް ސިޓީ އަތުން މޮޅުވެ، މެންޗެސްޓާ ސިޓީއިން ގަދަ ހަތަރެއް ކަށަވަރުކުރުމާ ގާތަށް ޖެހިލައިފި އެވެ.
ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ސްޓޯކް އަތުން ސިޓީ މޮޅުވީ ފަސޭހަކަމާއެކު 4-0 ލަނޑުންނެވެ. އެ ނަތީޖާއާއެކު ލީގުގެ ތިން ވަނައިގައި ސިޓީ އޮތީ ކުޅުނު 35 މެޗުން ލިބުނު 64 ޕޮއިންޓާއެކު އެވެ. ހަތަރު ވަނައިގައި އޮތް އާސެނަލްއަށް ކުޅުނު 34 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ. އެއް ވަނައިގައި އޮތް ލެސްޓާ ސިޓީއަށް ކުޅުނު 34 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅުނު 34 މެޗުން ލިބިފައިވަނީ 68 ޕޮއިންޓެވެ.
ރޭ ކުޅުނު މެޗުގެ ހަތް ވަނަ މިނެޓުގައި ސިޓީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ސްޓޯކްގެ ދެ ކުޅުންތެރިޔަކު ކައިރީގައި އޮއްވައި ކެލެޗީ އިހެނާކޯއަށް ދިން ބޯޅައަކުން އޭނާ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ދަނޑިކައިރިން ބޭރަށެވެ.

ސިޓީއަށް ލިބުނު ޕެނަލްޓީ ސާޖިއޯ އަގުއެރޯ ފޮނުވާލަނީ: ސްޓޯކް ސިޓީ އަތުން މެންޗެސްޓާ ސިޓީ މޮޅުވީ 4-0 ލަނޑުން --- ފޮޓޯ: އޭޕީ
މެޗުގެ 27 ވަނަ މިނެޓު އަދި 29 ވަނަ މިނެޓުގައި ސްޓޯކްއަށް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ޖިއަނެއްލީ އިމްބުލާއަށް ލިބުނު ފުރުސަތަކުން އުފެއްދި ހަމަލާ ސިޓީގެ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔައިރު، ޖޯޝެލޫ އުފެއްދި ހަމަލާ ވެސް ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 35 ވަނަ މިނެޓުގައި ސިޓީއިން ވަނީ ފުރަތަމަ ލަނޑުޖަހައި ލީޑު ނަގައިފަ އެވެ. ސިޓީއަށް ލިބުނު ކޯނަރަކުން ސްޕެއިން މިޑްފީލްޑަރު ޖީސަސް ނަވާސް ނަގައިދިން ހުރަހަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބްރެޒިލް މިޑްފީލްޑަރު ފެނާންޑޯ އެވެ.
މެޗުގެ 43 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސިޓީއިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. ސްޓޯކްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޔާޔާ ޓޫރޭއަށް ރަޔަން ޝޯކްރޮސް ކުރި ފައުލަކާ ގުޅިގެން ސިޓީއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެ ޓީމުގެ އާޖެންޓީނާ ތަރި ސާޖިއޯ އަގުއެރޯ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ސިޓީ ކުރީގައި އޮވެގެންނެވެ.

ސިޓީއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނުމަށްފަހު އަގުއެރޯ އުފާފާޅުކުރަނީ: ސްޓޯކް ސިޓީ އަތުން މެންޗެސްޓާ ސިޓީ މޮޅުވީ 4-0 ލަނޑުން --- ފޮޓޯ: އޭޕީ
މެޗުގެ 64 ވަނަ މިނެޓުގައި ސިޓީގެ ތިން ވަނަ ލަނޑު ފެނިގެންދިޔަ އެވެ. ޕަބްލޯ ޒަބަލެޓާ ދިން ބޯޅައަކުން ސިޓީއަށް ތިން ލަނޑުގެ ލީޑެއް ހޯދައިދިނީ އިހެނާކޯ އެވެ. ސިޓީގެ ހަތަރު ވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އިހެނާކޯ އެވެ. މެޗުގެ 74 ވަނަ މިނެޓުގައި އޭނާ އެ ލަނޑު ކާމިޔާބުކޮށްދިނީ ވިލްފްރެޑް ބޮނީ ދިން ބޯޅައަކުންނެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު، ނިއުކާސަލް ޔުނައިޓެޑުން ވަނީ ލިވަޕޫލް ހިފަހައްޓައިފަ އެވެ. ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. ލިވަޕޫލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޑެނިއެލް ސްޓަރިޖް އާއި އެޑަމް ލަލާނާ އެވެ. ނިއުކާސަލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޕަޕިސް ސީސޭ އާއި ޖެކް ކޮލްބެކް އެވެ.
ލީގުގައި ރޭ އޭއެފްސީ ބޯންމައުތު އަތުން ފަސޭހަކަމާއެކު ޗެލްސީ މޮޅުވީ 4-1 ލަނޑުންނެވެ. އެ މެޗުގައި ޗެލްސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޕެޑްރޯ ރޮޑްރިގޭޒް އާއި، އެޑެން ހަޒާޑް އަދި ވިލިއަން އެވެ. އޭގެ ތެރެއިން ދެ ލަނޑު ހަޒާޑް ކާމިޔާބުކުރި އެވެ. މެޗުގައި ބޯންމައުތުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޓޮމީ އެލްފިކް އެވެ.