24 Apr 2016, 10:41
ރޭ ދަންވަރުގެ ވަގުތެއްގައި އެމްޔޫބިލްޑިންގްގެ ހަ ވަނަ ފަންގިފިލާ އާއި 10 ވަނަ ފަންގިފިލާގައި ހުރި ތިން ތިޖޫރީއެއް ފަޅާލައިގެން ވަގަށް ނެގި ފައިސާ ހޯދައި އެ މައްސަލައިގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ވައްކަން ހިނގިކަން ފުލުހުންނަށް އެނގިފައި ވަނީ ރޭ 02:50 ހާއިރު މާލެ ތެރެ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުންނަށް މަގުމަތިން ދިޔަ ޓެކްސީއެއްގެ އަމަލުތައް ހުރިގޮތުން، އެ ޓެކްސީ މަޖީދީމަގުން ހުއްޓުވައި ބަލައި ފާސްކުރި އިރު ވައްކަން ކުރުމަށް ބޭނުންކުރެވޭނެ ފަދަ ތަކެތި ޓެކްސީތެރެއިން ފެނުމުން ޓެކްސީ ހުއްޓުވައި ބަލައި ފާސްކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަން ކުރި މަސައްކަތުން ކަމަށެވެ.
އެ ޓެކްސީ މިހާރު ވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެ އެވެ. އަދި ވައްކަން ކޮށްފައި ވަނީ ބާޒާރުމަތީ ފިލާބިލްޑިން އާ އިންވެގެން ހުންނަ އެމްޔޫ ބިލްޑިން އިން ކަން އެނގިފައި ވަނީ ވެސް ޓެކްސީ ހުއްޓުވައި ބަލައިފާސްކޮށް ލިބުނު މައުލޫމަތުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ވައްކަމުގެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޓެކްސީ -- ފޮޓޯ: ޕޮލިސް
އެ އިމާރާތުގެ ދެ ފަންގިފިލާއެއްގައި ހުރި ތިން ތިޖޫރީއެއް ފަޅާލައި މިލިއަނަކަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި ގިނަ އަދަދެއްގެ ބޭރު ފައިސާ ވަނީ ވަގަށް ނަގާފައެވެ.
"ފައިސާގެ އަދަދުތައް އަދި މުޅިން ސާފުވެފައި ނުވިނަމަވެސް ފުލުހުންނާއި މި ފައިސާގެ ވެރިފަރާތް ގުޅިގެން ދަނީ މި ފައިސާގެ ޢަދަދު ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ." ފުލުހުން ބުނެފައިވެ އެވެ.
އެ ވައްކަން ކޮށްފައި ވަނީ އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓަން ހުރި މީހާ ޓޭޕް އަޅައި ބަނުމަށް ފަހު އެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް މާލޭގައި ރޭ ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނުގައި، ފަސް މީހަކު ހައްޔަރުކޮށް ޓެކްސީ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އަދި އެމްޔޫ ބިލްޑިންގެ ތިޖޫރީތައް ފަޅާލައި ވަގަށް ނެގިކަމަށް ބެލެވޭ ފައިސާ ވެސް ފުލުހުން ވަނީ ހޯދާފަ އެވެ.
ފައިސާތައް ހޯދާފައި ވަނީ ގ. ބުރަކިގޭ ވައިގޮޅިތެރޭގައި ފޮރުވާފައި ހުއްޓަ އެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރުމަށް އަދިވެސް ސީންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދަނީ ހާއްސަ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.