24 Apr 2016, 10:49
ބަޣުދާދު (އޭޕްރިލް 24): އިރާގުގެ ވެރިރަށް ބަޣުދާދުގައި ސަލާމަތީ ފައުޖުތަކަށް އަމާޒުކޮށް ދިން ދެ ކާރު ބޮމުގެ ހަމަލާއެއްގައި 12 މީހަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
ދެ ހަމަލާގެ ތެރެއިން ފުރަތަމަ ހަމަލާ ދިނީ ބަޣުދާދުގެ އުތުރުގައި އޮންނަ އަލް ހުސެއިނިއްޔާ ޑިސްޓްރިކްޓުގެ ޗެކްޕޮއިންޓަކަށެވެ. ނުވަ މީހަކު މަރުވެ 28 މީހަކު ޒަހަމްވި އެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ނަގައިފަ އެވެ.
ބަޣުދާދުގެ ދެކުނުގައި އޮންނަ ކަދުރު ރުއް ދަނޑެއް ކައިރީ އަސްކަރިއްޔާގެ ފައުޖަކަށް ދިން ދެ ވަނަ ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ. އެ ހާދިސާގައި ތިން މީހަކު މަރުވެ 11 މީހަކަށް އަނިޔާވި އެވެ.
ފާއިތުވި އަހަރު ތެރޭގައި އިރާގުގެ ސަރުކާރުން ވަނީ އައިއެސް އިން ހިފާފައިވާ އެ ގައުމުގެ ސަރަހައްދުތަކުން އެޖަމާއަތް ބޭރުކޮށް، ސީރިޔާގެ ބޯޑަރު ކައިރިއަށް އެ ޖަމާއަތުގެ ބައިވެރިން ފަހަތަށް ޖައްސާފަ އެވެ. އެހެންކަމުން މީގެ ކުރިން ހަމަލާތައް މެދުނުކެނޑި ކުރިއަށް ދިޔަ ބަޣުދާދުގައި މިހާރު ސަލާމަތީ ހާލަތު ވަނީ ރަނގަޅުވެފަ އެވެ. ނަމަވެސް، ސަލާމަތީ ފައުޖުތަކަށާއި ޝީޢީން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާ ދިނުމަކީ މިހާރު ވެސް އާއްމު ކަމެކެވެ. (ރޮއިޓާސް)