އިސްލާމްއާބާދު (އޭޕްރިލް 24): ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސުގައި ހުންނަ ފިހާރައަކުން ލައްޑޫ ގަނެގެން ކޭ މީހުންގެ ތެރެއިން ކާނާ ވިހަވެގެން މަރުވި މީހުންގެ އަދަދު 14 އަށް އަރައިފި ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ބުދަ ދުވަހު ލައްޔާ ސިޓީގެ ފިހާރައަކުން ލައްޑޫ ގަނެގެން ކޭ މީހުން ހޮޑުލާން ފެށުމުން 34 މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރި ކަމަކަށެވެ. އޭގެ ތެރެއިން އެއް އާއިލާއެއްގެ ހަބެއިން އެދުވަހު މަރުވެފައިވާ ކަމަށެވެ. ކާފަ ދަރިފުޅު އުފަންވުމުގެ އުފަލުގައި ހަބެއިންނަށް ލައްޑޫ ގަނެދިނީ އެމީހުންގެ ބައްޕަ އެވެ.

އޭގެ ފަހުން، ހުކުރު ދުވަހު ކާނާ ވިހަވެގެން މަރުވި މީހުންގެ އަދަދު 14 އަށް އަރާފައިވާ ކަމަށް ފުލުހުން ހުކުރު ދުވަހު ބުންޏެވެ. އަދި އިތުރު ތިން މީހެއްގެ ހާލު ސީރިއަސްވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޕަންޖާބުގެ ހެލްތު ޑިޕާޓްމެންޓުން އެފިހާރަ ބަންދުކޮށްފައިވާ ކަމަށާއި، އެފިހާރަ އިން ފެނުނު ފަނިފަކުސަ މަރާ ބޭހުގެ ބޭރުގަނޑުތަކެއް ގެންގޮސްފައިވާ ކަމަށް ޕަންޖާބުގެ އެގްޒެކެޓިވް ޑިސްޓްރިކްޓް އޮފިސަރު އަމީރު އަބްދުﷲ ވިދާޅުވި އެވެ.

އޭގެ އިތުރުން، ފުލުހުން ވަނީ ފިހާރައިގެ ވެރިން ކަމަށްވާ ހާލިދު މަހުމޫދާއި ތާރިގް މަހުމޫދު ހައްޔަރުކޮށްފަ އެވެ. އަދި ލައްޑޫގެ ސާމްޕަލްތަކެއް ލާހޯރުގެ ފޮރެންސިކް ލެބަކަށް ފޮނުވާފަ އެވެ. (އައިއޭއެންއެސް)