06 May 2011, 18:40
މާލޭގައި މިހާރު ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތައް ކަވަރުކުރުމަށް މަސައްކަތްކުރާ ބްރޯޑްކާސްޓް މީޑިއާގައި މަސައްކަތްކުރާ ބައެއް ފަރާތްތައް ފުލުހުން ހައްޔަރުކުރަމުން ގެންދާތީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
"ތަކެތީގެ އަގުމައްޗަށް، ރައްޔިތުން ހަނާވަނީ" މިނަމުގައި ޒުވާނުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތައް ކަވަރު ކުރުމަށް ހަރަކާތްތެރިވާ ބްރޯޑްކާސްޓް މީޑިޔާގެ ބައެއް ފަރާތްތައް ފުލުހުން ހައްޔަރުކުރަމުން ގެންދާތީ ބްރޯޑްކާސްޓް މީޑިޔާ ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ މިނިވަން ކޮމިޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ ހަބަރު ފެތުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެ ކަމަށާއި މުޒާހަރާ ކަވަރުކުރަމުން އަންނަ ފަރާތްތައް ހައްޔަރުކުރުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއްކަމަށެވެ.
"ފުލުހުން ހައްޔަރު ކުރަމުންދާ ފަރާތްތަކުގެ ތެރޭގައި ބްރޯޑްކާސްޓް މީޑީޔާގައި މަސައްކަތްކުރާ ފަރާތްތަށް ހިމެނޭތީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެކަމާއި ވަރަށް ބޮޑަށް ކަންބޮޑުވެއެވެ،" އެ ކޮމިޝަން އެކުލަވާލިފަހުން ފުރަތަމަ ފަހަރަށް ނެރުނު ނޫސްބަޔާނުގައި އެމްބީސީން ބުންޏެވެ. އަދި އެ ބަޔާންބުނަނީ "އެއްވެސް ހާލަތްތެއްގައިވެސް ހަބަރު ފެތުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެ." ބަޔާނުގައި ވެއެވެ.
އެ ކޮމިޝަނުން ވަނީ މީޑީޔާގެ ފަރާތްތަކުން ވެސް ވަކި ފަރާތަކަށް ބުރަނުވެ ހަގީގަތާއި ހަމަހަމަކަމާއި އެކު ހަބަރުތައް ގެނެސްދިނުމަށް މީޑިޔާގެ ހުރިހާ ފަރާތްތަކަކަށް ވެސް އެ ބަޔާން މެދުވެރިކޮށް ގޮވާލާފަ އެވެ.
އެމްބީސީން ކަންބޮޑުވުން ފާޅުކުރިއިރު މިދިޔަ ހަފްތާ ސިލްސިލާ މުޒާހަރާތަށް ފެއްޓުނު ފަހުން މުޒާހަރާތައް ރޫޅާލުމުގެ ތެރޭގައި ތިން ނޫސްވެރިއަކު ވަނީ އެކި ރޭރޭ މަތިން ހައްޔަރުކޮށްފަ އެވެ. އަދި މިއަދު ހުކުރަށްފަހު ކުރި މުޒާހަރާގައި "ގްރީން ޒޯން" ސަރަހައްދުގައި ވެސް ފުލުހުން ވަނީ ނޫސްވެރިންނަށް ފިއްތުންތައް ކުރިމަތިކޮށްފަ އެވެ.