ބަށްޓަކީ އާއްމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ހައްދައި އުޅޭ ތަރުކާރީ އެކެވެ. ހަމައެހެންމެ، އެއީ ބާޒާރުން ފަސޭހަކަމާ އެކު ލިބެން ހުންނަ އަގުވެސް ހެޔޮ ތަރުކާރީ އެކެވެ.

ދިވެހި ބަދިތަކުގައި ތަފާތު ވައްތަރުގެ ކާނާ ތައްޔަރު ކުރުމަށް ބޭނުން ކުރާ ބަށްޓަކީ އޭގެ މީރު ރަހަޔާ އެއްވަރަށް ސިއްހަތަށް ވެސް ވަރަށް ފައިދާ ހުރި ތަރުކާރީ އެކެވެ. އެހެންކަމުން ބަށީގެ ބައެއް ފައިދާތަކަށް އަލިއަޅުވާލާނަ މެވެ.

ކޮލެސްޓްރޯލް ދަށްކޮށްދޭ

ދިރާސާތަކުން ދައްކާ ގޮތުގައި ބަށްޓަކީ ކޮލެސްޓްރޯލް ދަށް ކުރުމަށް އެހީތެރިވެދޭ ތަރުކާރީ އެކެވެ. އެހެންކަމުން ތިބާ އަކީ ކޮލެސްޓްރޯލް ލެވެލް މަތި މީހެއް ނަމަ، އާދަކޮށް ބަށި ބޭނުން ކުރާށެވެ. ބަށި ބޭނުން ކުރަން އެންމެ ރަނގަޅީ ފެނު ކައްކައިގެން ނުވަތަ އާވިން މަޑުކޮށްގެންނެވެ.

ބަރުދަން ލުއިކުރުމަށް އެހީތެރި ވެދޭ

ބަށީގައި ކެލޮރީ އެކުލެވިގެން ވަނީީ ވަރަށް މަދު މިންވަރަކަށެވެ. ހަމައެއާ އެކު ބަށީގެ ތޮށިގަނޑަކީ އޮމާން އަދި ބަރު އެއްޗަކަށް ވުމުން، އެ ތަރުކާރީ ކެއުމުން ބަނޑު ފުރޭލެއް ވެސް އަވަސްވެ އެވެ. އެހެންކަމުން ބަރުދަން ލުއި ކުރުމަށް ބަށި ބޭނުން ކުރެވިދާނެ އެވެ.

ކަށީގެ ދުޅަހެޔޮ ކަމަށް

ކަށީގެ ދުޅަހެޔޮ ކަމަށް ބޭނުންވާ ކެލްސިއަމް އާއި އަޔަން، ގިނަ އަދަދަކަށް ބަށީގައި އެކުލެވެ އެވެ. ކަށީގެ ދުޅަހެޔޮކަމާ އެއްވަރަށް އެ ދެ މާއްދާއަކީ، މުޅި ހަށިގަނޑުގެ ދުޅަހެޔޮ ކަމަށް ވެސް މުހިއްމު ދެ މާއްދާ އެވެ.

އެހެންކަމުން ސިއްހީ ގޮތުން އެތައް ފައިދާތަކެއް ލިއްބައިދޭ ބަށްޓަކީ ނުކައި ދޫކޮށްލެވޭ ވަރުގެ ތަރުކާރީއެއް ނޫނެވެ.