މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދިހަ ދުވަހަށް ރޭވިފައިވާ އުމްރާ ދަތުރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ޢުމްރާ ދަތުރުގައި ދިއުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރުން އެދޭ ކަމަށެވެ. އެ އުމްރާގެ ޖުމުލަ އަގަކީ 25،965 ރުފިޔާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ޢުމްރާ ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ހަތަރު ބޭފުޅުންގެ ގްރޫޕަކުން އުމްރާއަށް ދާން ރަޖިސްޓަރީ ކުރައްވާ ނަމަ ހާއްސަ ޑިސްކައުންޓަކާ އެކު ބޭފުޅަކަށް ދައްކަވަން ޖެހޭނީ ޖުމުލަ 24,965 ރުފިޔާ ކަމަށެވެ. އަދި ބުނީ އަދި 10 ބޭފުޅުންގެ ގްރޫޕަކުން ރަޖިސްޓަރީ ކުރައްވާ ނަމަ ހާއްސަ ޑިސްކައުންޓަކާ އެކު ބޭފުޅަކަށް ދައްކަވަން ޖެހޭނީ ޖުމުލަ 24,465 ރުފިޔާ ކަމަށެވެ.

އެހެންކަމުން އުމްރާ ދަތުރުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން "ޢުމްރާއަށް ދިޔުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވައި ފައިސާއާ އެކު އެ ކޯޕަރޭޝަނަށް ހުށަހެޅުން އެދޭ ކަމަށް ހައްޖު ކޯޕަރޭޝަނުގެ އިއުލާނުގައި ބުނެފައިވެ އެވެ.