24 Apr 2016, 02:34
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދާމޯލްޑިވިއަން އައިޑަލްގެ އެލިމިނޭޝަން ނައިޓުގެ އެންމެ ފަހު ޝޯވ ރޭ ކުރިއަށް ގެންގޮސްފައި ވާއިރު، ޝަލަބީ ޢިބްރާހީމް، ލައިޝާ ޖުނައިދު އަދި މުޙައްމަދު އިޝާން އެ ޝޯގެ ގްރޭންޑް ފިނާލޭއިން ޖާގަ ހޯދައިފިއެވެ.
ފްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބާއްވާ ލަވަ ކިއުމުގެ އެންމެ ބޮޑު ޝޯވްއިން، ގިނަބަޔަކު ލަފާކުރި ގޮތަށް، ގްރޭންޑް ފިނާލޭއަށް ދަތުރު ނުކޮށް ޝޯއަށް އަލްވަދާއު ކިޔާފައި ވަނީ، މުޙައްމަދު ޒަލީފް ޢަބްދުﷲ އާއި ޢަބްދުﷲ ފާލިޙް އާދަމް އެވެ.

މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭއިން ޖާގަ ނުލިބި ޝޯއަށް އަލްވަދާއު ކިޔަން ޖެހުނު، ފާލިހު (ކ) އަދި ޒަލީފް (ވ) މިރޭގެ ޝޯގައި، ލައިޝާ އާ އެކު ލަވައެސް ހުށަހަޅަނީ -- ފޮޓޯ: މޯލްޑިވިއަން އައިޑަލް
މޯލްޑިވިއަން އައިޑަލްގެ ގާލާ ރައުންޑް ނުވަ ވަނަ ޝޯގެ އެލިމިނޭޝަން ނައިޓްގައި، ޝޯގެ ޖަޖުން ވަނީ، "ނޯ އެލިމިނޭޝަން" ބާރުގެ ބޭނުންކޮށް އެއްވެސް ބައިވެރިއަކު ކަޓުވާ ނުލައި ހިފަހައްޓައިފައެވެ. އެގޮތަށް ޖަޖުން ނިންމީ، ގާލާ ރައުންޑުގެ އަށް ވަނަ ބުރުގައި ބައިވެރިން ހުށަހަޅައިދިން ލަވަތައް ވަރަށް ހަމަހަމަވެފައި ވަކި ބައިވެރިޔަކު ކަޓުވާލުމަށް އުނދަގޫވުމުން ކަމަށް އެ ޝޯވގައި ޖަޖުން ބުންޏެވެ.
ޒަލީފާއި ފާލިހް މޯލްޑިވިއަން އައިޑަލްގެ އެންމެ ފަހު ޝޯއަށް އަލްވަދާއު ކިޔަން ޖެހުނީ، އެންމެ ފަހުން ބޭއްވި ޝޯގައި ގަދަ ފަސް ބައިވެރީންގެ ހުށަހެޅުންތަކަށް ޖަޖުންދޭ 50 އިންސައްތަ މާކްސްގެ އިތުރުން، ބެލުންތެރިންގެ 50 އިންސައްތަ ވޯޓާއެކު ޖުމުލަ މާކްސް އެންމެ ދަށުން ލިބިގެންނެވެ.
"ޕާމް ޓޯންސް"ގެ ހިތްގައިމު މިއުޒިކާއެކު، މޯލްޑިވިއަން އައިޑަލްގެ މި ޝޯގައިވެސް ހިތްގައިމު ހުޝަހެޅުންތަކެއް ބައިވެރިންގެ ފަރާތުން ފެނިގެން ގޮސްފައި ވާއިރު، މިރޭގެ ޝޯގައި ގެސްޓް ޖަޖެއްގެ ގޮތުން ބައިވެރިވީ، މަޝްހޫރު ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާއެވެ. މި ޝޯގައި ރާފިޔަތު ވަނީ، ދިވެހި ފިލްމު "ވަފާތެރި ކެހިވެރިޔާ"އަށް އޭނާ ކިޔައިދީފައިވާ އެ ފިލްމުގެ ތީމް ސޯންގް ހުށަހަޅައިދީފައެވެ.
މޯލްޑިވިއަން އައިޑަލް ޓޮފް5 އެލިިމިނޭޝަން ނައިޓްގެ ގެސްޓު ޖަޖު ރާފިޔަރު ރަމީޒާ ރޭގެ ޝޯގައި ލަވައެއް ހުށަހަޅަނީ -- ފޮޓޯ: މޯލްޑިވިއަން އައިޑަލް
ގައުމީ ދިފާއީ ބާރުން ފާހަގަކުރަމުންދާ 124 ވަނަ ސިފައިންގެ ދުވަހާ ގުޅުވައިގެން މި ޝޯގައި ސިފައިންގެ ބޭންޑުގެ ހުށަހެޅުމެއް ވެސް ފެނިގެން ގޮސްފައިވާއިރު، މޯލްޑިވިއަން އައިޑަލްގެ ގަދަ ފަސް ބައިވެރީންނަށް، އަސްކަރިއްޔާގެ ތަމްރީނުތައް ކުރިއަށް ގެންދާ ގިރިފުށީގައި ތަޖްރިބާގެ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ދީފައިވާ މަންޒަރުތައް ވެސް ޝޯގައި ދައްކާލާފައި ވެއެވެ.
މީގެ އިތުރުން ރޭގެ ޝޯގައި ގައުމީ ބޭންކުން ވަނީ، ގެ ނަމުގައި ހާއްސަ ކާޑެއްތަޢާރުފުކޮށްފައެވެ. އަދި އެ ބޭންކުން ވަނީ މޯލްޑިވިއަން އައިޑަލްގެ ގަދަ ފަހެއްގެ ކޮންމެ ބައިވެރިއެއްގެ ފޮޓޯ ޖަހާފައިވާ، 10،000 ރުފިޔާގެ ގިފްޓް ކާޑެއް ކޮންމެ ބައިވެރިއަކަށް ހަދިޔާކޮށްފައެވެ.

މޯލްޑިވިއަން އައިޑަލްގެ ގަދަ ފަސް ބައިވެރީންނާއެކު ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ، ބީއެމްއެލް ގިފްޓް ކާޑް ތަޢާރުފުކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: މޯލްޑިވިއަން އައިޑަލް
މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ފެށި، ގާލާ ރައުންޑުގެ ޝޯތައް، މިހަފްތާގެ ޝޯއާއެކު ނިމިގެން ގޮސްފައި ވާއިރު، މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 30 ވާ ހޮނިހިރު ދުވަހުގެ ރޭގައެވެ.