24 Apr 2016, 00:45
ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) ގައި ވޭތުވެދިޔަ 38 އަހަރު ތެރޭގައި މަސައްކަތްކޮށް ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކުން އެލަމްނައި އެސޯސިއޭޝަނެއް އުފެއްދުމަށް ނިންމައިފި އެވެ.
އެ އެލަމްނައި އަކީ ކުރިން ޓީވީއެމްގައިި މަސައްކަތް ކުރި މުވައްޒަފުން އެތަނަށް ފައިދާހުރި ކަންތައްތަކެއް ކޮށްދިނުމުގެ މަގުސަދުގައި އުފައްދާ އެސޯސިއޭޝަނެކެވެ. އެގޮތުން އެ އެލަމްނައި އިން ޓީވީއެމްއަށް ފަންނީ އެހީތައް ފޯރުކޮށްދޭނޭއެވެ.
މިރޭ ވަނީ ވޭތުވެދިޔަ 38 އަހަރު ޓީވީއެމްގައި މަސައްކަތްކޮށް މިހާރު ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކުން، ރާނބާ ރެސްޓޯރެންޓުގައި ބައްދަލުވުމެއް ބާއްވާފައެވެ.

އެބައްދަލުވުމާއި ގުޅޭގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން ކުރިން ޓީވީއެމްގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ، މިރޭ ބޭއްވުނުބައްދަލުވުމާއެކު ޕީއެސްއެމްއާއި ގުޅިގެން އެލަމްނައި އުފެއްދުމުގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.
"ދެން އޮތް މަރުހަލާއަކީ ރަސްމީކޮށް މިކަން ކުރާނެ ގޮތްތަކެއް ކަނޑައެޅުން. އެހެންވީމަ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލާފައި ޕީއެސްއެމްއާއި ގުޅިގެން މިކަން ރަސްމީކޮށް ކުރެވޭނެ ގޮތްތަކެއް ބަލައި އަޅުގަނޑުމެންނާއި ޓީވީއެމްއަށް ފައިދާހުރިގޮތަކަށް މިކަން ކުރުން،" މޮންދު ވިދާޅުވިއެވެ.

މޮންދު ވިދާޅުވީ، އެލަމްނައި އުފެއްދުމުގައި ޓީވީއެމްގައި ހަރަކާތްތެރިވެފައިވާ ގިނައަދަދެއްގެ ތަޖުރިބާކާރުން ހިމެނޭތީ ތަފާތު އެހީތައް ޓީވީއެމްއަށް ދެވިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އަމާޒަކީ ކުރިއަށްއޮތް "ދެ ތިން މަސް" ތެރޭގައި އެލަމްނައި އުފެއްދުން ކަމަށެވެ.