24 Apr 2016, 10:23
ފަހު ވަގުތު ފްރާންސް ފޯވަޑް އެންތޮނީ މާޝިއަލް ކާމިޔާބުކުރި ލަނޑުން އެވަޓަން ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން އެފްއޭ ކަޕްގެ ފައިނަލުން ޖާގައެއް ހޯދައިފި އެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި އެވަޓަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދީ 2-1 ލަނޑުންނެވެ.

އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެވަޓަން އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން 2-1 ލަނޑުން މޮޅުވެ، ފައިނަލުގެ ޖާގަ ހޯދީ ޔުނައިޓެޑުން --- ފޮޓޯ: އޭޕީ
ރޭގެ މެޗުގެ 21 ވަނަ މިނެޓްގައި ޔުނައިޓެޑަށް ލަނޑުޖަހައި ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޖެސޭ ލިންގާޑް ދިން ބޯޅައަކުން އެންތޮނީ މާޝިއަލް އުފެއްދި ހަމަލާ، ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ ޔުނައިޓެޑުންނެވެ. މެޗުގެ 34 ވަނަ މިނެޓުގައި މާޝިއަލް ދިން ބޯޅައަކުން ޔުނައިޓެޑަށް ލީޑު ނަގައިދިނީ ބެލްޖިއަމް މިޑްފީލްޑަރު މާރުއާން ފެލާނީ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެވަޓަން އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން 2-1 ލަނޑުން މޮޅުވެ، ފައިނަލުގެ ޖާގަ ހޯދީ ޔުނައިޓެޑުން --- ފޮޓޯ: އޭޕީ
މެޗުގެ 56 ވަނަ މިނެޓްގައި އެވަޓަންއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ޔުނައިޓެޑުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރޮސް ބާކްލީއަށް ޓިމޮތީ ފޮސޫ މެންސާހް ކުރި ފައުލަކާ ގުޅިގެން އެވަޓަންއަށް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. ނަމަވެސް އެވަޓަންގެ ބެލްޖިއަމް ފޯވަޑް ރޮމެލީ ލުކާކޫ ފޮނުވާލި ޕެނަލްޓީ، ޔުނައިޓެޑްގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ 78 ވަނަ މިނެޓުގައި އެވަޓަންއަށް ނަތީޖާ ހަމަހަމަކުރެވުނީ ޔުނައިޓެޑް އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. އެވަޓަންއަށް ނަތީޖާ ހަމަހަަމަކުރެވުނީ ޔުނައިޓެޑްގެ ކްރިސް ސްމޯލިންގެ އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ.

އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެވަޓަން އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން 2-1 ލަނޑުން މޮޅުވެ، ފައިނަލުގެ ޖާގަ ހޯދީ ޔުނައިޓެޑުން --- ފޮޓޯ: އޭޕީ
ޔުނައިޓެޑަށް ފައިނަލުގެ ޖާގައެއް ކަށަވަރުވީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓްގެ ތެރޭގައި ކާމިޔާބުކުރި ލަނޑުންނެވެ. އެންޑާ ހެރޭރާ ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ މާޝިއަލް އެވެ.
އެފްއޭ ކަޕްގެ ފައިނަލުގައި ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ ޓީމެއް އެނގޭނީ މިރޭ ކުޅޭ ސެމީގެ ދެވަނަ މެޗަށްފަހު އެވެ. ސެމީގެ ދެވަނަ މެޗުގައި ކްރިސްޓަލް ޕެލަސް އާއި ވެޓްފަޑް ނުކުންނާނީ މިރޭ ރާއްޖެގަޑިން 8:00 ގައެވެ. އެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ.