24 Apr 2016, 00:00
ބީއެމްއެލް ގިފްޓް ކާޑުގެ ނަމުގައި ގައުމީ ބޭންކުން ހާއްސަ ކާޑެއްތަޢާރުފުކޮށްފިއެވެ.
ޕީއެސްއެމުން ކުރިއަށްގެންދާ، މޯލްޑިވިއަން އައިޑަލް ޓޮޕް-5 އެލިމިނޭޝަން ޝޯގައި، އެ ފަސް ބައިވެރީންނާއެކު ބީއެމްއެލް ގިފްޓްކާޑް ތަޢާރުފުކޮށްދެއްވީ، އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ އެންޑްރޫ ހީލީ އެވެ.
ގައުމީ ބޭންކުން މިރޭ ތަޢާރުފުކުރި، ގިފްޓް ކާޑަކީ ކޮންމެ ހަފްލާއަކާވެސް ގުޅޭ، ހަދިޔާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނޭ ކާޑެކެވެ. އެގޮތުން ތަފާތު ޑިނޯމިނޭޝަންތަކުގެ ކާޑު ހިމެނޭގޮތަށް މި ކާޑުތައް ތައްޔާރުކޮށްފައި ވަނީ، ބީއެމްއެލް ޕީއޯއެސް މެޝިންތައް ބޭނުންކޮށްގެން ވިޔަފާރި ކުރެވޭގޮތަށެވެ.
ބީއެމްއެލް ގިފްޓް ކާޑް މިރޭ ތަޢާރުފުކުރި އިރު، އެ ބޭންކުން ވަނީ މޯލްޑިވިއަން އައިޑަލްގެ ޓޮޕް ފައިވްގެ ކޮންމެ ބައިވެރިއެއްގެ ފޮޓޯ ޖަހާފައިވާ، 10،000 ރުފިޔާގެ ކާޑެއް ކޮންމެ ބައިވެރިއަކަށް ހަދިޔާކޮށްފައެވެ.
އަލަށް ތަޢާރުފުކުރި ބީއެމްއެލް ގިފްޓް ކާޑް މާދަމާގެ ވަގުތެއްގައި ބާޒާރަށް ނެރޭނޭ ކަމަށް ބީއެލްއެމްގެ މީޑިއާ އޮފިޝަލް މިރޭ ސަންއަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން، މާދަމާގެ ވަގުތެއްގައި މި ކާޑުތައް ބާޒާރަށް ނެރޭނަން. އަދި ކާޑުތަކުގެ ޑިނޮމިނޭޝަންސް ތަކާއި، ގަންނަން ލިބެން ހުންނާނޭ ފިހާރަތަށްވެސް ހާމަކުރާނަން،" އޭނާ ވިދާޅުވިއެވެ.
ބީއެމްއެލުން ބުނީ، އެ ބޭންކުގެ ގިފްޓް ކާޑުގައި ހުންނަ ފައިސާ ހުސްވަންދެން ޕީއޯއެސް މެޝިން ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެ ކަމަށާއި އެހެން ނަމަވެސް، އޭޓީއެމް ބޭނުންކޮށްގެން ކާޑުން ފައިސާ ނުނެގޭނެ ކަމަށެވެ.
މިރޭ ތަޢާރުފުކުރި ބީއެމްއެލް ގިފްކާޑާ ބެހޭ އިތުރު މައުލޫމާތު މާދަމާ ހާމަކުރާނޭކަމަށްވެސް ބޭންކުން ބުންޏެވެ.