06 May 2011, 18:10
ވޮޝިންގޓަން : އުސާމާ ބިންލާދިން އަވަހާރަކޮށްލިކަމަށްބުނެ އެމެރިކާ ހިންގާފައިވަނީ ސިޔާސީ ކުޅިގަނޑެއްކަމަށް ބެލެވޭނެ ޖާގައެބައޮތް ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާން ރަމޭން މެހްމާބްރާސްތް ވިދާޅުވީ އުސާމާ އަވަހާރަކޮށްލި ކަމަށްބުނެ އެމެރިކާ ދައްކާ ވާހަކަތަށް ސާބިތުކޮށްދިނުމަށް އެމެރިކާ ނުކުޅެދިފައިވާ ކަމުގައެވެ.
ސެޕްޓެމްބަރ 11 އިގެ ޙަމަލާތަކަކީވެސް އެމެރިކާ އިޢްލާންކުރިގޮތަށް އުސާމާ ބިންލާދިން ފަހަތްޕުޅުގައި ހުންނަވައިގެން އަލްޤާޢިދާ ހިންގި ޢަމަލެއްކަން ސާބިތުކޮށްދިނުމުގައިވެސް އެމެރިކާ ފޭލްވެފައިވާ ކަމަށް މެހްމާން ބްރާސްތް ވިދާޅުވިއެވެ.
އަނެއްކޮޅުން އީރާނުގެ ދިފާޢީ ވަޒީރު އަޙްމަދު ވަހީދީ ވަނީ އުސާމާ ބިންލާދިން ހޯދުމުގެ ނަމުގައި އެމެރިކާ
އަފްޣާނިސްތާނުގައާއި ޕާކިސްތާނުގައާއި އެހެން ސަރަޙާއްދުތަކުގައި ހިންގި ޣައިރު ޤާނޫނީ އޮޕަރޭޝަންތަކުގައި ކުށެތްނެތް ލައްކައެއްހާ މުސްލިމުން މަރާލާފައިވާ ކަމަށް ވިދާޅުވެފައެވެ.
އެމެރިކާއިން އަވަހާރަކޮށްލީ އުސާމާ ކަމަށްވީނަމަވެސް އެންމެމީހަކު މަރާލުމަށްޓަކައި މިފަދަ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނެއްގައި އެތަށް ހަނގުރާމަތަކެއްކޮށް ލައްކައެއްހާ މީހުން މަރާލައި އެއްހާސް ބިލިޔަނަށްވުރެ ގިނަ ޑޮލަރު ހޭދައެއްކޮށް ދިހައަހަރުގެ މުއްދަތެއް މިކަމަށް ހޭދަވެ އެންމެފަހުން އިޤްތިސާދީ ގޮތުން އެމެރިކާ އިނދަޖެހޭ ހިސާބަށް ގޮސްފައިވުމަކީ އެމެރިކާއަށް ލިބުނު ކާމިޔާބެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. (އަލްޢާލަމް)