މާލޭގެ އިރުމަތީ ފަރާތް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެންވަޔަރަންމެންޓް އިންޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފި އެވެ.

މާލޭގެ އިރުމަތީ ފަރާތުގައި އޮންނަނީ ހެންވޭރު "ހިތްފަސޭހަ މައިޒާން" އާޓިފިޝަލް ބީޗާއި، އަލިމަސް ކާނިވާ ފަދަ ތަންތަނެވެ. ސަރުކާރުން ވަނީ، އެސަރަހައްދު ތަރައްގީ ކުރުމަށް ނިންމައިފަ އެވެ.

ހައުސިންގ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ހަސަން ހަބީބު މީގެ ކުރިން "ސަން ޓީވީ"ގައި ވާހަކަ ދައްކަވަމުން ވަނީ، މާލޭގެ އިރުމަތީ ފަރާތް ތަރައްގީ ކުރުމަށް ސަރުކާރުން ޕްލޭނުތަކެއް ގެންގުޅޭކަން ހާމަ ކުރައްވައިފަ އެވެ.

ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އީއައިއޭ ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކުން މޭ ދެވަނަ ދުވަހު ޕްރޮޕޯސަލް ހުށަހަޅަން އެދޭ ކަމަށޭވެ.

މިއީ ހައުސިންގ މިނިސްރީއިން މިކަމަށް އިއުލާނު ކުރި ދެވަނަ ފަހަރެވެ.

ސްޓޭޓު މިނިސްޓަރު ހަބީބު ވިދާޅުވެފައި ވަނީ، އެ ދިމާލުގައި އޮންނަ ހެންވޭރު އާޓިފިޝަލް ބީޗު ވަރަށް ބޮޑަށް ބަދަލު ކޮށްލާނެ ކަމަށާއި، ކާނިވާ ސަރަހައްދު ޕާކެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ބޭރުން ތަކެތި ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ހިލޭ އެހީގައި ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތް ވެސް އަޅާނީ މާލޭގެ އިރުމަތީ ފަރާތުގައި ކަމަށް ހަބީބު ވިދާޅުވެފައި ވެ އެވެ.

ސަރުކާރުން ވަނީ މާލޭގެ ހުޅަނގު ފަރާތުގައި "ރަސްފަންނު" ގެ ނަމުގައި އާ ބީޗެއް ހަދައި، އެ ދިމާލަށް ސުނާމީ ބިނާ ވެސް ބަދަލުކޮށް، އެސަރަހައްދު ވަރަށް ބޮޑަށް ތަރައްގީ ކޮށްފަ އެވެ.