23 Apr 2016, 16:07
ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ ނޭވީގެ ޑެޕިއުޓީ ކޮމާންޑަރު ވައިސް އެޑްމިރަލް ޓިއާން ޒޮންގް ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕީޕަލްސް ލިބަރޭޝަން އާމީ ނޭވީގެ ޑެޕިއުޓީ ކޮމާންޑަރު ވައިސް އެޑްމިރަލް ޓިއާން ޒޮންގް ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަޕޯޓުން މަރުހަބާދެންނެވީ އޭވިއާޝަން ސެކިއުރިޓީގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ކަމަށެވެ.
އެމަނިކުފާނުގެ މި ޒިޔާރަތަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ އަސްކަރިއްޔާއި ރާއްޖޭގެ އަޝްކަރިއްޔާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ބޭނުމުގައި ކުރެއްވި ޒިޔާރަތެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ޒިޔާރަތުގައި އެމަނިކުފާނާ އެކު ހަތް ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފުދެއް ވެސް ރާއްޖެ އައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ވައިސް އެޑްމިރަލް ޓިއާން ޒޮންގްގެ މި ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި މީގެ އިތުރުން އެމްއެންޑީއެފްގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.