23 Apr 2016, 16:19
ދުނިޔޭގެ ނޫސްވެެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން މޯލްޑިވްސް މިޑިއާ ކައުންސިލް (އެމްއެމްސީ) އިން ބާއްވާ ނޫސް ހެދުމާއި ހަބަރު ކިޔުމުގެ މުބާރާތުގައި 120 ދަރިވަރަކު ބައިވެރިވެއްޖެ އެވެ.
"ނޫސްވެރިކަމުގެ ކުރިމަގަށް ސްކޫލް ދަރިވަރުން" ނަމުގައި ޖަމާލުއްދީން ސްކޫލްގައި ކުރިއަށް ގެންދާ އެ މުބާރާތާ ގުޅޭ ގޮތުން އެމްއެމްސީގެ ނައިބު ރައީސް މުހައްމަދު ޝަރީފު ނަފީޒް "ސަން" އަށް މިއަދު ވިދާޅުވީ، އެ މުބާރާތުގެ މައިގަނޑު މަގުސަދަކީ ނޫސްވެރިކަމަށް ސްކޫލް ދަރިވަރުން އަހުލުވެރި ކުރުވުން ކަމަށެވެ.
ހަމައެއާ އެކު، ޒިންމާދާރު ނޫސްވެރިކަމެއް ސުކޫލް ދަރިވަރުންނަށް މަގުފަހި ކުރުވުން ވެސް އެ މުބާރާތުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ޝަރީފު ވިދާޅުވި އެވެ.

މީޑިއާ ކައުންސިލް އިން ކުރިއަށް ގެންދާ ނޫސް ހެދުމާއި ހަބަރު ކިޔުމުގެ މުބާރާތާ ގުޅޭގޮތުން އެމްއެމްސީގެ މެމްބަރު ވާހަކަ ދައްކަވަނީ --- ސަން/ފޮޓޯ: ޔޫސުފް ސޮފްވާން
އެ މުބާރާތާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެމްއެމްސީގެ މެމްބަރު އައިމިނަތު ހަސަން ވިދާޅުވީ، މިއަދު މެންދުރު 02:00 ފެށިގެން ރޭގަނޑު 08:00 ކުރިއަށް ގެންދާ އެ މުބާރާތަކީ ނޫސްވެރިކަމުގެ ކުރި މަގަށް ސްކޫލް ދަރިވަރުން ތައްޔާރުކޮށް ހޭލުންތެރި ކުރުވުމަށް ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.
"ދެން ހަމަ ކުދިން ދާނީ ނޫސް ހަދަމުން ހަބަރު ހުށަހަޅަމުން އެކި ގަޑިގަޑީގައި. މިރޭ ވެސް އަޅުގަނޑުމެން އެއް ވަނަ ދެވަނަ ތިން ވަނަ ދަރިވަރުން ހޮވާފައި ބައިވެރިވާ ދަރިވަރުންނަށް އިނާމު ދޭނެ،" އައިމިނަތު ހަސަން ވިދާޅުވި އެވެ.

މީޑިއާ ކައުންސިލް އިން ކުރިއަށް ގެންދާ ނޫސް ހެދުމާއި ހަބަރު ކިޔުމުގެ މުބާރާތުގެ ތެރެއިން ސުކޫލް ދަރިވަރުންތަކެއް ނޫހެއް ތައްޔާރު ކުރަނީ --- ސަން/ފޮޓޯ: ޔޫސުފް ސޮފްވާން
ހަމައެއާ އެކު، މިއަދު ބާއްވާ ހަރަކާތުން ވަނަވަނަ އަށް ހޮވޭ ސުކޫލްތަކަށް އަންނަ މެއި މަހުގެ ތިން ވަނަ ދުވަހު ބާއްވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ވެސް އިނާމުތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އައިމިނަތު ވިދާޅުވި އެވެ.
އެމްއެމްސީ އިން ބުނީ ހަބަރު ކިޔުމާއި ނޫސް ހެދުމުގެ މުބާރާތެއް މިދިޔަ އަހަރު ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެ މުބާރާތަށް ވެސް ސްކޫލް ކުދިންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

މީޑިއާ ކައުންސިލް އިން ކުރިއަށް ގެންދާ ނޫސް ހެދުމާއި ހަބަރު ކިޔުމުގެ ޕްރޮގުރާމް ފެށުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ޔޫސުފް ސޮފްވާން
މިއަދު ކުރިއަަށް ގެންދާ އެ މުބާރާތުގައި ފަސް ސްކޫލަކުން ބައިވެރިވެ އެވެ. އެ ސުކޫލްތަކަކީ، ޖަމާލުއްދީން ސްކޫލް، އަމީނިއްޔާ ސްކޫލް، ޣިޔާސުއްދީން ސްކޫލްގެ އިތުރުން ތާޖުއްދީން ސުކޫލާއި އިމާދުއްދީން ސުކޫލެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ފާހަގަ ކުރަނީ މެއި މަހުގެ ތިން ވަނަ ދުވަހެވެ.