06 May 2011, 17:52
އަބޫތް އާބާދު : އުސާމާ ބިންލާދިން މަރާލުމަށްޓަކައި ޕާކިސްތާނުގެ އަބޫތް އަބާދުގައި އޭނާ ހުންނެވި ގޭގައި އެމެރިކާ ހިންގިކަމަށްބުނާ ސިއްރު އޮޕަރޭޝަންއާބެހޭ ފޮޓޯ އެއް ރޮއިޓާސް އިން ހާމަކޮށްފިއެވެ.
ރޮއިޓާސް ނޫސް އެޖެންސީ ހާމަކުރި މިފޮޓޯ ލިބުނީ ޕާކިސްތާނުގެ އަމްނާބެހޭ މަސްއޫލުވެރިއެއްގެ ފަރާތުން ކަމަށާއި މިފޮޓޯ އޭނާ ނަގާފައިވަނީ މިއޮޕަރޭޝަން ނިމުނުތާ ގަޑިއެއްހާއިރު ފަހުންކަމަށް ކަމަށް ރޮއިޓާސް ބުނެއެވެ.
މިފޮޓޯއިން ފެންނަނީ ލޭގެ ކޯރެއްގެ ތެރޭގައި ލެއިންތަތްތެޅިފައިވާ ތިންމީހެއްގެ ހަށިގަނޑެވެ. މިއީ އުސާމާބިންލާދިން މަރާލުމަށް ހިންގިކަމަށް އެމެރިކާބުނާ އޮޕަރޭޝަންގައި މަރާލެވިފައިވާ ތިންމީހުންކަމަށާ މީގެ ތެރޭގައި އުސާމާއާ އެއްވައްތަރުގެ ހަށިގަނޑެއް ފެންނަންނެތްކަމަށް ރޮއިޓާސް ބުނެއެވެ.
މިސަރަޙައްދުގެ މީހުން ބުނާގޮތުން އަބޫތް އާބާދުގައި އުސާމާ އުޅުނުއިރު އޭނާއަށް އެހީތެރިވާ ކަމަށް ބެލެވެނީ ޕާކިސްތާނުގެ ދެމީހެކެވެ.
މިފޮޓޯގައި މަރުވެފައިވާ ކަމަށް ފެންނަ ތިންމީހުންގެ ތެރެއިން ދެމީހުންނަކީ އެދެމީހުން ކަމަށް އަވަށްޓެރިން ބުނެއެވެ.
އެމެރިކާ ބުނާގޮތުން އުސާމާ މަރާލުމަށް ހިންގި އޮޕަރޭޝަންގައި ފަސް މީހަކު މަރުވިއެވެ. މީގެތެރޭގައި އުސާމާގެ ފިރިހެން ދަރިއަކާއި ކާކުކަން ނޭންގޭ އަންހެނަކު ވެސް ހިމެނެއެވެ. އަދި އުސާމާ މަރާލިއިރު އޭނާގެ އަތުގައި ހަތިޔާރުނެތް ކަމަށްވެސް އެމެރިކާ ބުނެއެވެ.
އުސާމާ މަރާލުމަށް އެމެރިކާއިން ހިންގިކަމަށް ބުނާ އޮޕަރޭޝަންއާ ބެހޭ ގޮތުން އެމެރިކާ މިހާތަނަށް ނެރެފައިވާ ދެބަޔާންވެސް އެއްބަޔާން އަނެއް ބަޔާނާ ފުށުއަރައެވެ. (ރޮއިޓާސް)