23 Apr 2016, 16:12
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 4.32 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެއީ މިދިޔަ އަހަރު އެ އޮތޯރިޓީ އަށް ލިބުނު އާމްދަނީއާ އަޅާ ބަލާއިރު 16.1 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރު ފުރަތަމަ ކުއާޓަރުގައި މީރާ އަށް ލިބުނީ 3.72 ބިލިއަން ރުފިޔާ އެވެ.
އެ މުއްދަތުގައި ދައުލަތައް އެންމެ ގިނަ އާމްދަނީ ލިބިފައި ވަނީ މުދަލާއި ހިދުމަތުގެ އަގު ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި ޖީއެސްޓީން އާމްދަނީގެ ގޮތުގައި 1.71 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އޭގެ އިތުރުން ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ) އިން 962.76 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ލޭންޑް އެކުއިޒިޝަން ފީގެ ގޮތުގައި 480.93 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 299.76 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ބިން ކުއްޔަށް ދޭ މުއްދަތު އިތުރުކޮށްގެން 370.53 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ނެރެފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ކުއާޓަރުގައި ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި 187.73 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެ އަދަދަކީ އެއް ކުއާޓަރެއްގައި މީރާ އަށް ޑޮލަރުން މިހާތަނަށް ބަލައިގަތް އެންމެ ބޮޑު އަދަދެވެ.
މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބަލައިގަތް 153.57 މިލިއަން ޑޮލަރާ އަޅާބަލާ އިރު 22.2 ޕަސެންޓް އިތުރު އަދަދެކެވެ.
ފުރަތަމަ ކުއާޓަރު ރެކޯޑް އަދަދެއްގެ އާމްދަނީ ޑޮލަރުން ލިބުނު އިރު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓޫރިޒަމް ޖީއެސްޓީއިންނެވެ.