މި ސީޒަނުގައި ޗެލްސީ ކުޅޭ ފަހު މެޗުތަކަކީ ކެޕްޓަން ޖޯން ޓެރީ، އެ ކްލަބަށް ކުޅޭ އެންމެ ފަހު މެޗުތަކަށް ވެދާނެ ކަމަށް ޗެލްސީގެ ކޯޗު ގޫސް ހިޑިންކް ބުނެފި އެވެ.

އުމުރުން 35 އަހަރުގެ ޑިފެންޑަރު ޓެރީއަށް ކުރިމަތިވި އަނިޔާއަކާ ގުޅިގެން ވެސްޓް ހާމްއާ ދެކޮޅަށް މިދިޔަ މާޗު މަހު ކުޅުނު މެޗަށްފަހު ޗެލްސީއިން އޭނާ ފެނިފައެއް ނުވެ އެވެ.

އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރީ، ޗެލްސީއާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނަށް ފަހު ނިމުމަކަށް އަންނަ އިރު، އެ ކްލަބުން އޭނާ އަށް ކޮންޓްރެކްޓް އާކުރުމަށް ހުށައަޅާފައެއް ނުވެ އެވެ.

"ފަހަރެއްގައި މިއީ އޭނާ ޗެލްސީއަށް ކުޅޭ ފަހު މެޗުތައް ކަމަށް ވެދާނެ. އަހަރެންނަކަށް ނޭނގޭ އޭނާގެ ކުރިމަގަކީ ކޮބައިކަމެއް. ވީހާވެސް އަވަހަކަށް އޭނާ ކުޅުމަށް އެނބުރި އަންނަން އޭނާ ބޭނުންވާ،" އުމުރުން 14 އަހަރުން ފެށިގެން ޗެލްސީއަށް ކުޅެމުންދާ ޓެރީއާ ބެހޭގޮތުން އެ ކްލަބުގެ ކޯޗު ހިޑިންކް ބުންޏެވެ.

އެންމެ ފަހުގެ ޕްރިމިއާ ލީގު ޗެމްޕިއަން އަދި މި ސީޒަނުގެ ލީގުގެ ދިހަ ވަނައިގައި އޮތް ޗެލްސީއަށް ލީގުގައި ބާކީ ކުޅެން ޖެހޭނީ ފަސް މެޗެވެ. އެއީ ބޯންމައުތު އާއި، ޓޮޓެންހަމް އާއި، ސަންޑަލޭންޑް އާއި، ލިވަޕޫލް އަދި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. އޭގެ ތެރެއިން ލީގު ހޯދުމާ ގާތުގައި އޮތް ލެސްޓާ އާއި ދެވަނައިގައި އޮތް ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗަކީ މުހިންމު ދެ މެޗެވެ.