23 Apr 2016, 13:06
ފައިސާ އަށް ސިއްރިޔާތުގައި ތުއްތުކުދިން ވިއްކާ ނާސަރީއެއް އިންޑިއާގެ ފުލުހުން ހޯދައި އެކަމުގައި ހަރަކާތްތެރިވާ މީހުންތަކެއް ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ ފުލުހުންނާ ހަވާލާދީ އިނގިރޭސިވިލާތުގެ "މެޓްރޯ" ނޫސް ބުނި ގޮތުގައި ތުއްތުކުދިން ވިއްކުމުގެ ވިޔަފާރި ހިންގަނީ އިންޑިޔާގެ އުތުރުގެ ސްޓޭޓެއްގެ ސަރަހައްދެއްކަމަށްވާ ޖުވާލިޔޯގެ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ "ޕަލާޝް" ގަ އެވެ. މިހޮސްޕިޓަލްގައި ވިއްކާ ކަމަށް ވަނީ ކައިވެނިން ބޭރު ގުޅުންތަކުން ލިބޭ ދެ ޖިންސްގެ ކުދިންނާއި ވިހާއިރު އަންހެން ކުދިންކަން އެނގުމުން ދަރި އެއްލާލާ ނޫނީ ބޭނުންނުވާ އާއިލާތަކުގެ އަންހެންކުދިންނެވެ. ކުއްޖަކު ވިއްކަނީ 1400 ޑޮލަރަށެވެ. ނަމަވެސް ފިރިހެންކުއްޖެއް ނަމަ 2500 ޑޮލަރަށް އަގު މަތިކުރާ ކަމަށާ އަދި ކުދިން ވިއްކާއިރު ނީލަމުގެ އުސޫލު ގެންގުޅޭކަމަށް ވެސް "މެޓްރޯ" ނޫސް ބުނެ އެވެ. ނީލަމުގެ އުސޫލު ގެންގުޅެނީ އެކަކަށްވުރެ ގިނަމީހުން އެއްކުއްޖަކު ބޭއްވެއްޖެ ހިނދެއްގަ އެވެ.
އިންޑިއާގެ ނޫހެއްކަމަށްވާ "ޓައިމްސް އޮފް އިންޑިޔާ" އިން ވެސް ވަނީ ތުއްތުކުދިން ވިއްކާ މިވިޔަފާރި "ޕަލާޝް" ހޮސްޕިޓަލްގައި ކުރަމުން ގެންދަނިކޮށް ފުލުހުން އެކަން ހުއްޓުވިކަން ކަށަވަރުކޮށްދީފަ އެވެ. އިންޑިއާގެ މެދުފަންތިއާއި ފަގީރުންގެ ގިނައާއިލާތަކަކީ އެއާއިލާތަކުގެ އަންހެނުން ބަލިވެއިނުމުން ކުއްޖާގެ ޖިންސް ބެލުމަށް ފަހު އަންހެން ކުއްޖެއް ނަމަ ދަރިވައްޓާލާ އާއިލާތަކެވެ. މިގޮތަށް ޖިންސް ބަލާފައި ދަރިވައްޓާލުމުގެ އޮޕަރޭޝަންތައް ސިއްރިޔާތުގައި ހިންގާ ހޮސްޕިޓަލްތަކުގެ ތެރޭގައި "ޕަލާޝް" ހޮސްޕިޓަލް ހިމެނެ އެވެ.
ނަމަވެސް އެހޮސްޕިޓަލްގެ މޭނޭޖްމަންޓުން މިފަހަކަށް އައިސް ވަނީ ދަރިވައްޓާލަން އެދޭ މީހުންނާ ވާހަކަދައްކައިގެން އެކަން ހުއްޓުވައި ވިހަންދެން ބަނޑުގައި ދަރިފުޅު ބޭއްވުމަށް އެމީހުން އެއްބަސްކުރުވައި ވިހެއުމުން އަންހެންދަރި ވިއްކާލައި އެކުދިންގެ ކިބައިން ސަލާމަތްވެވޭނެ އިންތިޒާމްތައް ހަމަޖައްސާދީފައިވެ އެވެ. މިކަމުގެ ސަބަބުން ވިހެއުމަށް ފަހު އަންހެން ދަރިންގެ ކިބައިން ސަލާމަތްވުމާއި އަދި އެކުދިން ވިއްކައިގެން ފައިސާ ލިބޭނެ ގޮތްވެސް މިފަދަ އާއިލާތަކަށް ވަނީ ތަނަވަސްވެފަ އެވެ.
"ޓައިމްސް އޮފް އިންޑިޔާ" ބުނާގޮތުން އިންޑިޔާގެ މުއްސަދި އާއިލާތަކާއި ބޭރުގައުމުތަކުގެ މުއްސަނދި އާއިލާތައް ތިބޭލަގްޒަރީ ހޮޓާތަކަށް ވެސް "ޕަލާޝް" ހޮސްޕިޓަލް ގެ ނާސަރީގައި ތިބޭ ތުއްތުކުދިން ގެންދެއެވެ. މިއިންތިޒާމްތައް ހަމަޖައްސާކަމަށްވަނީ އެހޮޓަލްތަކުގައި ތިބޭ ދަށުލެވެލްގެ މުވައްޒަފުންނާއި ގުޅިގެންނެވެ.
ތުއްތު ކުދިން ވިއްކުމުގެ މިނެޓްވޯކުގައި ގިނަ އަދަދެއްގެ ނަރުހުންނާއި ޑޮކްޓަރުންގެ އިތުރުން ފުލުހުންގެ ބައެއް އިނިސްޕެކްޓަރުންނާއި ލަގްޒަރީ ހޮޓާތަކުގެ ދަށުލެވެލްގެ މުވައްޒަފުންވެސް ގިނައަދަދަކަށް ބައިވެރިވާކަން މިމައްސަލަ ތަހްގީގްކުރާ އިންޑިއާގެ ފުލުހުންނަށް ވަނީ ހާމަވެފަ އެވެ. (މެޓްރޯ ނިވްސް)