ހަތަރު އަހަރަށް ފަހު، ފްރާންސްގެ ދެވަނަ ޑިވިޝަނުން އެއްވަނަ ޑިވިޝަނަށް ޑިޖޮން ޕްރޮމޯޓް ވެއްޖެ އެވެ.

ފްރާންސްގެ އެއްވަނަ ޑިވިޝަންގައި ކުޅުމަށް ފަހު ދެވަނަ ޑިވިޝަނަށް ޑިޖޮން ރެލިގޭޓް ވެފައި ވަނީ 2012 ވަނަ އަހަރު އެވެ.

އޮލިވާ ޑަލްއޮގްލިއޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޑިޖޮން، އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓްވިކަން ކަށަވަރު ވެފައިވަނީ ދެވަނަ ޑިވޝަނުގައި، ލީގުގެ ހަތަރު ވަނައިގައި އޮތް ލެ ހަވްރޭ އާއި ރެލިގޭޝަންގެ ބިރާ ކުރިމަތިލަމުންދާ އެވިއަން ކުޅުނު މެޗު އެއްވަރުވުމުންނެވެ.

ޑިޖޮންއަށް ދެވަނަ ޑިވިޝަނުގައި ބާކީ ތިން މެޗު އޮތް އިރު، ލީގުގެ އެއްވަނާގައި ޑިޖޮން އޮތީ ލީގުގެ އެއްވަނައިގަ އެވެ. ލީގުގެ ދެވަނައިގައި އޮތް ނެންސީ އާއި ޑިޖޮންއާ ދެމެދު ދެ ޕޮއިންޓްގެ ފަރަގެއް އޮތް އިރު، ތިން ވަނާގައި އޮތް މެޓްޒްއާއި ހަތަރު ވަނާގައި އޮތް ލެ ހަވްރޭއާ ދެމެދު ތިން ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ދެވަނަ ޑިވިޝަނުން އެއް ވަނަ ޑިވިޝަނަށް ޕްރޮމޯޓް ވާނީ ގަދަ ތިން ޓީމެވެ. ދެވަނަ ޑިވިޝަން ލީގުގެ ދެވަނާގައި އޮތް ނެންސީއަށް ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ކަށަވަރުކުރުމަށް ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ. ހަތަރު ވަނާގައި އޮތް ލެ ހަވްރޭއަށް ވެސް ތިން ވަނާގައި އޮތް މެޓްޒްގެ ކުރިއަށް ޖެހިލައި، އެއް ވަނަ ޑިވިޝަނުން ޖާގައެއް ހޯދުމުގެ ފުރުސަތު އަދި އެބައޮތެވެ.