ދުނިޔޭގެ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު މަދުކޮށް، ދުނިޔޭގެ މޫސުމަށް ނުރައްކާތެރި ބަދަލެއް ނާންނަ މިންވަރަކަށް ބެހެއްޓުމަށް އެކުލަވާލި ޕެރިސް މުއާހަދާ ތަސްދީގު ކުރުމަށް، ޖައްވަށް ވިހަ ގޭސް އެންމެ ގިނައިން ދޫކުރާ ދެ ގައުމު ކަމުގައިވާ ޗައިނާ އާއި އެމެރިކާ އިން ވެސް ވައުދުވެއްޖެ އެވެ.

ޖައްވުގައި ހުރި ގްރީންހައުސް ގޭހުގެ 38 ޕަސަންޓަކީ ޗައިނާ އާއި އެމެރިކާ އިން ޖައްވަށް ދޫކުރާ ގޭހެވެ.

ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި، އިއްޔެ ދުނިޔޭގެ 175 ގައުމަކުން ވަނީ، ޕެރިސް މުއާހަދާގައި ސޮއިކޮށްފަ އެވެ. އަދި އެ މުއާހަދާ ތަސްދީގު ކުރުމަށް ނިންމާފައިވާކަން، ދުނިޔޭގެ 15 ގައުމަކުން އިއްޔެ ވަނީ އދ.އަށް ރަސްމީކޮށް އަންގައިފަ އެވެ. އޭގެ ތެރޭގައި ދިވެހި ރާއްޖެ ވެސް ހިމެނެ އެވެ.

ޗައިނާ އާއި އެމެރިކާ އިން އިއްޔެ މުއާހަދާގައި ސޮއި ކޮށްފައިވާ އިރު، އެ މުއާހަދާ މި އަހަރު ތެރޭގައި ތަސްދީގު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

ޗައިނާގެ ބޮޑުވަޒީރުގެ ނައިބު ޖަންގް ގައުލީ ވިދާޅުވީ، ޕެރިސް މުއާހަދާ ތަސްދީގުކޮށް، ތަންފީޒު ކުރުމަށް ޓަކައި ގާނޫނީ ގޮތުން އެގައުމުގައި އަމަލުކުރަން ޖެހޭ އިޖުރާއަތްތައް ކަނޑައަޅައި، މި އަހަރު ސެޕްޓެމްބަރު މަހު ޗައިނާގައި އޮންނަ ޖީ20 ސަމިޓުގެ ކުރިން އެމަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވިދާޅުވީ، މި އަހަރު އެމެރިކާ ޢިން ރަސްމީކޮށް މި މުއާހަދާގައި ބައިވެރިވެ، އެ ތަންފީޒު ކުރަން ފަށާނެ ކަމަށެވެ. މި އަހަރު ތެރޭގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ، އެމަނިކުފާނަށް ލިބިފައިވާ ރިޔާސީ ބާރުގެ ދަށުން އެ މުއާހަދާ ރަސްމީކޮށް ތަސްދީގުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޖޯން ކެރީ، ޕެރިސް މުއާހަދާގައި ސޮއި ކުރެއްވީ، އޭނާގެ ދެ އަހަރުގެ ކާފަ ދަރިކަނބަލުން އިޒަބެލް، އަރިހުގައި ބައިންދަވައިގެންނެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކޮށް، އިޔާދަ ކުރުވަނިވި ހަކަތަ އުފެއްދުމަށް ޓަކައި، ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ކެނެޑާގެ ފަރާތުން މާލީ އެހީ ފޯރުކޮށްދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.

އަދި އެހެން ގައުމުތަކަކުން އުފެއްދި ބޮޑު މައްސަލައެއްގެ ޝިކާރައަކަށް، ތަރައްގީ ވަމުން އަންނަ ގައުމުތަކާއި ކުދި ޖަޒީރާ ގައުމުތައް ވެގެން ނުވާނެ ކަމަށް ޓްރޫޑޯ ވިދާޅުވި އެވެ.

ޕެރިސް އެގްރީމެންޓަކީ، ދުނިޔޭގެ ޖައްވުގެ ފިނި ހޫނުމިން، ސިނާއީ އިންގިލާބު (އިންޑަސްޓްރިއަލް ރިވޮލިއުޝަން)ގެ ކުރިން ހުރި މިންވަރާ އަޅަ ބަލާއިރު، ދެ ޑިގްރީ ސެލްސިއަސްއަށް މަތި ނުވާނެ މިންވަރެއްގައި ބެހެއްޓުމަށް ގައުމުތަކުން އެކުލަވާލި އެއްބަސްވުމެކެވެ.