ލ. މާބައިދޫ ސިއްހީ މަރުކަޒުގެ ތިޖޫރީ ފަޅާލައި 900 އަށްވުރެ ގިނަ އިން ރުފިޔާ ވަގަށް ނަގައިފި އެވެ.

މާބައިދޫ ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި މަރިޔަމް ހަފުސާ މިއަދު ވިދާޅުވީ ސިއްހީ މަރުކަޒުގެ އޮފީސް ބައިގެ ފާޚާނާގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ތިޖޫރީގައި ހުރި 948ރ. އާއި އެންބިއުލާންސްގެ ރަޖިސްޓްރީ އާއި ސިއްހީމަރުކަޒުގެ ގޯތީގެ ރަޖިސްޓްރީ ވެސް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

މަރިޔަމް ވިދާޅުވީ ތިޖޫރީ ވަގަށް ނަގާފައި ވަނީ ރޭގެ 12:00 ގެ ފަހުން ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ވިދާޅެއްނުވެ އެވެ.
މާބައިދޫ ސިއްހީ މަރުކަޒުގެ ތިޖޫރީ ރޭ ވަގަށް ގެންގޮސްފައިވާއިރު މިދިޔަ މާޗް މަހު ތެރޭ އެރަށު ކައުންސިލް އޮފީހުގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ތަކެއް ވަނީ ވަގަށް ނަގައިފަ އެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި މީހަކީ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި ހުއްޓައި އެ ތިން އަހަރު ރައީސް މާފު ކޮށްދެއްވި މީހެކެވެ. އޭނާ އަކީ މީގެ ކުރިން ވެސް އެ ރަށުގެ ތިޖޫރީ ފަޅާލި މައްސަލައިގައި ހައްޔަރު ކުރި މީހެކެވެ.