23 Apr 2016, 10:49
އާސެނަލްއަށް އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ތިނެއްގައި ނިންމާލުން ވަރަށް މުހިިންމު ކަމަށް އެ ކްލަބުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
ޕްރިމިއާ ލީގުގައި އާސެނަލް މިވަގުތު އޮތީ ތިން ވަނައިގަ އެވެ. ލީގުގައި ބާކީ ހަތަރު މެޗު އޮތް އިރު، ލީގުގެ ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާއި އާސެނަލްއާ ދެމެދު އޮތީ ދެ ޕޮއިންޓްގެ ފަރަގެވެ.
ޗެމްޕިއަންސް ލީގުގެ އޮޓޮމެޓިކް ޖާގައެއް ލިބޭނީ ޕްރިމިއާ ލީގުގެ ގަދަ ތިން ޓީމަށެވެ. އަދި ލީގުގެ ހަތަރު ވަނައިގައި އޮންނަ ޓީމަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބޭނީ ޗެމްޕިއަންސް ލީގުގެ ކޮލިފައިން ބުރު ކުޅެގެންނެވެ.
"ގަދަ ހަތަރަކީ ޗެމްޕިއަންސް ލީގެއް ނޫން. އޮޓޮމެޓިކް ޖާގަ ލިބޭނީ ގަދަ ތިނަކަށް. އެހެންވެގެން ގަދަ ތިނެއްގައި އޮވެ، ލީގު ނިންމާލުން މުހިންމުވަނީ. މިހާރު ޗެމްޕިއަންސް ލީގުގައި ތަފާތަކީ ޓީމުތައް ހަރަދު ކުރުން. ފާއިތުވި އަހަރުތަކުގައި ހަރަދަ ކުރުމަކީ ވަރަށް މުހިންމު ކަމެއް،" އާސެނަލްގެ ކޯޗު ބުންޏެވެ.
ވެންގާ ބުނީ، އަންނަ ސީޒަނަށް ތައްޔާރުވުން ތަފާތުވާނެ ކަމަށާއި ހާއްސަކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތް ކުރިއަށް އޮތުމުން ކަމަށެވެ. އަދި ޔޫރޯއާއެކު ޗެމްޕިއަންސް ލީގު ކޮލިފައިން ކުޅެން ޖެހިއްޖެ ނަމަ، އިތުރު އުނދަގޫތަކަކާ ކުރިމަތިލައި، ސީޒަނަށް ތައްޔާރުވުމުގެ ޕްލޭނަށް ބޮޑު ބަދަލެއް ގެންނަން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގުން ކަޓާފައިވާ އާސެނަލްއަށް ހުސްއަތާ ސީޒަން ނިންމާލަން ޖެހޭ އިރު، އެ ޓީމަށް އަދި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއް ކަށަވަރެއް ނުވެ އެވެ.