އިންޑިއާގެ ޓާޓާ ކުންފުންޏާއި ރާއްޖޭގެ ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެޗްއާރުސީ) ގުޅިގެން، ހުޅުމާލޭގައި 3،000 ހައުސިންގް ޔުނިޓު އަޅަން ނިންމާފައިވާ ކަން ހާމަކޮށްފި އެވެ.

މިދިޔަ ހަފްތާގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން، ޓާޓާ ހައުސިންގްގެ މެޖޯރިޓީ ހިއްސާ އޮންނަ އެޕެކްސް ރިއަލްޓީގެ ފަރާތުން ގޯވިންދާ ސިންހް ވިދާޅުވީ، އެޗްއާރުސީއާ ގުޅިގެން އެ ކުންފުނިން ހުޅުމާލޭގައި 3،000 ހައުސިންގް ޔުނިޓު އެޅުމަށް ޝައުގުވެރިވާ ކަމަށާއި، އެކަމާ ބެހޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

ގޯވިންދާ ވިދާޅުވީ، ބޭރު ގައުމެއްގައި ލޯކަލް ޕާޓްނަރެއް ނެތި މަސައްކަތް ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި އެހެން ނަމަވެސް އެ ކުންފުނީގެ ޕާޓްނަރުގެ ގޮތުގައި އެޗްއާރުސީ އޮތުމުން ވަރަށް ބޮޑެތި ފަސޭހަތަކާ ކުރިމަތިވާ ކަމަށެވެ.

"އަޅުގަނޑުމެން އެޗްއާރުސީއާ ގުޅިގެން ހުޅުމާލޭގައި 3،000 ހައުސިންގް ޔުނިޓު އަޅަން ޝައުގުވެރިވަނީ،" އޭނާ ވިދާޅުވި އެވެ.

އެޗްއާރުސީގެ ޗެއާމަން އަދި ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ވިދާޅުވީ، މި މަޝްރޫއު ހިންގުމަށް ސަރުކާރުން ހުއްދަ ދޭ ހާ އަވަހަކަށް މަސައްކަތް ފަށާނެ ކަމަށެވެ.

ޖަނާހު ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އެޅުމަށް ޓާޓާ އާއި އެޗްއާރުސީ އިން ހުށަހަޅާފައި ވަނީ މެދު ފަންތީގެ އާމްދަނީ (މިޑްލް އިންކަަމް) ލިބޭ ފަރާތްތަކަށް ޚާއްސަ ފްލެޓުތަކެއް ކަމަށެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ހިއްކައި ނިމިފައިވާ އިރު، އެތަނުގައި ގާއިމުކުރާ ޔޫތު ސިޓީގައި ތިން ފަންތިއެއްގެ ބޯހިޔާވަހިކަން ތަރައްގީ ކުރުމަށް ޕްލޭން ކުރެވިފައިވެ އެވެ. އެއީ ސޯޝަލް ހައުސިންގް އާއި، މިޑްލް އިންކަމް ހައުސިންގްގެ އިތުރުން ލަގްޒަރީ ހައުސިންގް އެވެ.

ޓާޓާއާއި އެޗްއާރުސީ ގުޅިގެން މާލޭގައި ތަރައްގީ ކޮށް ނިންމާފައިވާ ދެ މަޝްރޫއެއް ކަމުގައިވާ، އަރަބިއްޔާ ހުރި ބިމުގައި އެޅި މާލެ ގްރޭންޑް ހައުސިންގ މަޝްރޫއާއު ގާކޮށީގައި އެޅި މާލެ ސްކޮޔާ ހައުސިންގް މަޝްރޫއު ނިންމައި، އެ ދެ ތަނުގައި ވެސް ހުރި ފްލެޓުތައް ސަރުކާރާ ވަނީ ހަވާލު ކޮށްފަ އެވެ.

އޭގެ އިތުރުން، ކުރިޔަށް އޮތް މަސް ދުވަހުގެ ތެރޭގައި، ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިމާއި އޯޑިއޯން ހުރި ބިމުގައި ތަރައްގީ ކުރާ ލަގްޒަރީ ފްލެޓުތަކުގެ މަސައްކަތް ފެށުމަށް ވެސް ދެ ކުންފުނިން ވަނީ ނިންމައިފަ އެވެ.