މާލެ-ހުޅުމާލެ ބުރިޖުގެ ފައުންޑޭޝަން މަސައްކަތް ކުރުމަށް ޓަކައި އަޅާ ޕްލެޓްފޯމްތަކުގެ ތެރެއިން ދެވަނަ ޕްލެޓްފޯމް ބަހައްޓައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދެ ވަނަ ޕްލެޓްފޯމް މިއަދު ބަހައްޓާފައިވާ ކަމަށެވެ. އަދި ބްރިޖްގެ މަސައްކަތްތައް ވަރަށް ބާރުސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި މަސައްކަތްތައް ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހޭ ކަމަށެވެ.

ބުރިޖްގެ މަސައްކަތް ކުރަނީ ------ ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ޕްލެޓްފޯމްތަކާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ޕްލެޓްފޯމްތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެ ޕްލެޓްފޯމްތަކަކީ ފައުންޑޭޝަން އެޅުމަށް ޓަކައި އަޅާ ޕްލެޓްފޯމްތަކެއް ކަމަށެވެ.

އެގޮތުން ފުރަތަމަ ޕްލެޓްފޯމް މިދިޔަ ހަފްތާތެރޭގައި ބަހައްޓާފައި ވަނީ ހުޅުލެއާއި ދިމާލުން ކަނޑުގަ އެވެ.

ބުރިޖްގެ މަސައްކަތް ކުރުމަށް ގެނެސްފައިވާ އުޅަނދެއް ކަނޑުގައި ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެ ޕްލެޓްފޯމްތައް ބޭނުންކޮށް ކުރިއަށް އޮތް ޖުލައި ނުވަތަ އޮގަސްޓް ހިސާބުގައި ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ބްރިޖުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ އިރު، 1.39 ކިލޯ މީޓަރު ހުންނަ އެ ބްރިޖްގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ. އެހެން ކަމުން 2018ގައި ބުރިޖްގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެ އެވެ.