23 Apr 2016, 10:31
އެފްއޭކަޕް ކާމިޔާބުކޮށްގެން މެންޗެސްޓާ ޔުނައިޓެޑަށް ކާމިޔާބު ސީޒަނަކަށް މި ސީޒަނު ހެދިދާނެ ކަމަށް އެ ކްލަބުގެ ކޯޗު ލުއިސް ވެންހާލް ބުނެފި އެވެ.
ވެންހާލްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޔުނައިޓެޑުން އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި މިއަދު އެވަޓަންއާ ދެކޮޅަށް ނުކުންނާނެ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މިވަގުތު ޔުނައިޓެޑް އޮތީ ފަސް ވަނައިގަ އެވެ.
"އަހަރެން ދެކެނީ އެފްއޭ ކަޕްގެ ތަށި ހޯދުމަކީ ކާމިޔާބެއް ކަމަށް. އެކަމަކު ކްލަބަށް އެންމެ މުހިންމީ ޗެމްޕިއަންސް ލީގުގެ ޖާގައެއް. އަހަރެން ކުރިން ވެސް މިކަންތައް ފާހަގަކުރިން. ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް އަހަރެމެންގެ އެންމެ ރަނގަޅު ފެންވަރު އެބަ ދައްކަންޖެހޭ،" އޭނާ ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ޔުނައިޓެޑް މަސައްކަތްކުރާ އިރު، އެ ޓީމާއި ހަތަރު ވަނައިގައި އޮތް ވާދަވެރި މެންޗެސްޓާ ސިޓީއާ ދެމެދު، ދެ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔުނައިޓެޑުން ބޭނުންނަމަ، ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން ޖެހޭނެ އެވެ.
ވެންހާލް ބުނީ، ޔުނައިޓެޑަކީ ކުރިން ވަރަށް ގިނަ މުބާރާތްތަކެއް ކާމިޔާބުކުރި ކްލަބެއް ކަމަށާއި އެފްއޭ ކަޕް ކާމިޔާބުކޮށް އަލުން އެކަން ކްލަބަށް ގެންނަން ޖެހޭ ކަމަށެވެ.
އެފްއޭ ކަޕްގެ ސެމީގައި އެވަޓަންއާ ދެކޮޅަށް ޔުނައިޓެޑް ނުކުންނާނީ މިރޭ 9:15 ގައެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ވެމްބްލީ ސްޓޭޑިއަމްގަ އެވެ.