އިސްލާމްއާބާދު (އޭޕްރިލް 23): ޕާކިސްތާނުގެ ބޮޑުވަޒީރު، ނަވާޒް ޝަރީފްގެ މިލްކިއްޔާތުގައިވާ މުދަލުގެ އަގު ވަނީ ފާއިތުވި ހަތަރު އަހަރު ތެރޭގައި އެއް ބިލިއަން ރުޕީސް [ގާތްގަނޑަކަށް 15 މިލިއަން ޑޮލަރު] އިތުރުވެފައި ކަމަށް އެ ގައުގެ އިލެކްޝަން ކޮމިޝަނުން އާއްމު ކުރި މާލީ ބަޔާނުން ދައްކައިފި އެވެ.

ޕާކިސްތާނުގެ ގާނޫނުތަކުގައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ބޮޑުވަޒީރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ މާލީ ބަޔާނުގައިވާ ގޮތުން، ނަވާޒް ޝަރީފާއި އަނބިކަނބަލުންގެ މިލްކިއްޔާތުގައިވާ މުދަލުގެ އަގު ގާތްގަނޑަކަށް ދެ ބިލިއަން ރުޕީސް އަށް އަރަ އެވެ. އެއީ މީގެ ހަތަރު އަހަރާ އަޅާ ބަލާއިރު އެއް ބިލިއަން ރުޕީސް އިތުރު އަދަދެކެވެ.

ދެހާސްއެގަރާ ވަނަ އަހަރު ނަވާޒް ޝަރީފްގެ މިލްކިއްޔާތުގައިވާ މުދަލުގެ އަގަކީ 166 މިލިއަން ރުޕީސް އެވެ. އަދި 2013ގައި މުދަލުގެ އަގު 1.82 ބިލިއަން ރުޕީސް އަށް އަރާ، ބިލިއަނަރެއްގެ ލަގަބު ލިބިލެއްވި އެވެ.

ނަވާޒް ޝަރީފަކީ މިހާރު ޕާކިސްތާނުގެ ސިޔާސީ ދާއިރާގައި އުޅުއްވާ އެންމެ މުއްސަނދި އެއް ބޭފުޅާ އެވެ. އޭނާގެ އިތުރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ތިއްބަވަނީ ތިން ބިލިނިއަރުންނެވެ.

ބޮޑުވަޒީރުގެ މިލްކިއްޔާތުގެ ތެރޭގައި ހިމެނެނީ އަގުބޮޑު ތިން ކާރާއި ދަނޑުބިމާއި ސިނާއި މަސައްކަތް ކުރާ ކާރުހާނާތަކެވެ.

ނަވާޒް ޝަރީފްގެ މާލީ ބަޔާން އާއްމުކޮށްފައި ވަނީ ޓެކްސް އަށް މަކަރު ހެދުމަށާއި އެކަން ފޮރުވުމަށް އެހީތެރިވެދޭ ޕެނަމާގެ ކުންފުންޏަކުން، ނަވާޒް ޝަރީފްގެ ތިން ދަރިކަލުން އެހީ ހޯއްދަވާފައިވާ ކަން ހާމަވެފައިވާ ދަނޑިވަޅެއްގަ އެވެ. (ޑޯން)