އެމްޑީޕީގެ ޗެއަޕާސަންގެ މަގާމަށް ވާދަކުރައްވާނޭ ކަމަށް ފުވުމައްމުލަކު މެދު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ) އިއްޔެ ވިދާޅުވެއްޖެ އެވެ.

މިދިޔަ އާދިއްތަ ދުވަހުގެރޭ އެމްޑީޕީގެ އިސްމަގާމުތަކަށް އަލަށް އިންތިހާބުވި ބޭފުޅުންގެ ޝަރަފުގައި އެ ޕާޓީން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާއެއްގައި ޗެއާޕާސަންގެ މަގާމު ފުރުއްވައި މާރިޔާ އަހުމަދު ދީދީ ވަނީ އިތުރުދައުރަކަށް ކުރިމަތިނުލައްވާނެ ކަން އިއުލާންކުރައްވައި އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފަ އެވެ. އެއާއި އެކު މިހާތަނަށް ޕާލިމެންޓްރީ ގުރޫޕުގެ ރައީސް ރީކޯ މޫސާ މަނިކާއި އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޖާބިރުވެސް ވަނީ އެ މަގާމަށް ކުރިމަތިލައްވާނެ ކަން އިއުލާންކޮށްފަ އެވެ.

ޕާލިމެންޓްރީ ގުރޫޕުގެ ރައީސް ރީކޯ މޫސަ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައި ވަނިކޮށް އެ މަގާމަށް ކުރިމަތިލައްވާނެ ކަން ފުރަތަމަ ފަހަރަށް މީޑިޔާއަށް އާންމުކުރެއްވި ޕާލިމަންޓްރީ ގުރޫޕުގެ މެންބަރު ހިސްޓޯ ވިދާޅުވީ ޕާޓީގެ ވަރަށް ގިނަ މެންބަރުންގެ އެދުމުގެ މަތިން އޭނާ ޗެއާޕާސަންކަމުގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށެވެ.

"އަޅުގަނޑު ކައިރީގައި ޕާޓީގެ ވަރަށް ގިނަ މެންބަރުން އެބަވިދާޅުވޭ ކުރިމަތިލާށޭ. އެހެންވެ މެންބަރުންގެ އެ އެދުމަށް ނެތް އަޅުގަނޑަކަށް ފުރަގަސް ދެވޭކަށް. އެހެންވެ އަޅުގަނޑު އެކަމަށް ކުރިމަތިލާން ނިންމައިގެން މިހުރީ. މެންބަރުންގެ އެދުމާއި ދެކޮޅަށް ނެތް އެ ނިންމުން ބަދަލު ކުރެވޭކަށް،" ޝިފާގު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެ ކަމަށް މިހާރު ތިން ބޭފުޅުން އިއުލާންކުރައްވައިފަ ވާއިރު، ޗެއާޕާސަންގެ އިންތިހާބު ބާއްވާނެ ދުވަހެއް އަދި އޮތީ ސުވާލުމާކެއްގެ ތެރޭގަ އެވެ. އެ އިންތިހާބު ބާއްވާނެ އިރެއް ވެސް ނޭގެ އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމު ފިޔަވައި ޕާޓީގެ އެހެން އިސް މަގާމުތަކަށް ބޭފުޅުން ވަނީ އިންތިހާބުކޮށްފަ އެވެ. ޗެއާޕާސަންކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ނުވަނީ މާރިޔާ އެމަގާމަށް ވަޑައިގަތީ 2008 ވަނަ އަހަރު ކަމަށް ވެފައި، ޗެއާޕާސަންގެ ފަސް އަހަރުގެ ދައުރު ހަމަނުވާ ކަމަށް ބުނެ އެވެ.

އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ކޮމިޓީގެ ތަރުޖަމާނު މުހައްމަދު ގަސަމް ވިދާޅުވެފައިވަނީ، މާރިޔާ އިސްތިއުފާނުދެއްވަނީސް ޗެއާޕާސަންގެ އިންތިހާބު ނޯންނާނެ ކަމަށެވެ. އެއީ މާރިޔާގެ ދައުރު ހަމަނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މާރިޔާ ޗެއާޕާސަންގެ މަގާމަށް 2008 ވަނަ އަހަރު ވަޑައިގަތީ، އޭރު ޗެއާޕާސަނަކަށް ހުންނެވި ރައީސް މުހައްމަދު ނަޝީދު ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް އެމަގާމުން އިސްތިއުފާދެއްވުމުން ބޭއްވި ބައި އިލެކްޝަނެއްގެ ތެރެއިންނެވެ. އަދި ރައީސް ނަޝީދު ޗެއާޕާސަނަށް ހޮވިވަޑައިގަތީ 2006 ވަނަ އަހަރު ބޭއްވި އެމްޑީޕީގެ ކޮންގްރެސް އިން ކަމުގައިވާތީ، މާރިޔާގެ ދައުރު މިހާރު ހަމަވެފައިވާ ކަމަށް ގަބޫލުކުރާ ގިނަ ބަޔަކު އެމްޑީޕީ ތެރޭ އެބަ އުޅެ އެވެ.

އެމީހުން ވަނީ ނިމިގެންދިޔަ އިންތިހާބުގެ ތެރޭ ވެސް އެ ޝަކުވާކޮށްފަ އެވެ.