23 Apr 2016, 00:20
ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ކުދި ގައުމުތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް އެންވަޔަރަންމެންޓް އެންޑް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޠާރިގު އެހެން ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކުގެ ޖަމްއިއްޔާ އެއޯސިސްގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ފަރާތުން އދ.ގައި އިއްޔެ ވާހަކަ ދައްކަވަމުންނެވެ.
އދ.ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޠާރިގު ވިދާޅުވީ ކުދި ގައުމުތަކުގެ ސަރުކާރުތަކުންނާއި ކުދި ގައުމުގެ ރައްޔިތުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ތައްޔާރު ކަމަށެވެ. ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދެމެހެއްޓެނެވި ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުދި ޖަޒީރާ ގައުމުތަކަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް މިނިސްޓަރު ޠާރިގު ވިދާޅުވި އެވެ. އަދި އެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އދ.ގެ އެހީތެރިކަން ބޭނުންވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ޕްލާސްޓިކްގެ ސަބަބުން ކަނޑުތައް ޕޮލިއުޓްވެ ކަނޑުތަކުގެ ދިރުމަށް ގޮންޖެހުންތަކައް ކުރިމަތިވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ހައްލު ކުރުމަށްޓަކައި ބައިނަލްއަގުވާމީ ފިޔަވަޅުތަކެއް އެޅުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. މިދިޔަ އަހަރުން ފެށިގެން އެއޯސިސްގެ ރިޔާސަތު ބަލަހައްޓަމުން ގެންދަނީ ދިވެހި ރާއްޖޭންނެވެ. ކުދި ގައުމުތަކުގެ ހައްގުގައި ދިވެހި ރާއްޖޭން ދަނީ ވަރަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.