ސީރިއާއަށް ދިޔަ 12 ދިވެހީންގެ އާއިލާއެއް ހުއްޓުވައި އެނބުރި ރާއްޖެ ގެންނަން ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ބުނެފި އެވެ.

ސީރިއާގެ ހަނގުރާމައަށް 12 ދިވެހިންގެ އާއިލާއެއް ދިޔަ ވާހަކަ ފެންމަތިވީ ޓައިމްސް އޮފް އިންޑިއާއިން އެ ވާހަކަ އާންމު ކުރުމުންނެވެ. ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓު ކޮށްފައިވާ ގޮތުން، މި 12 މީހުންގެ ތެރެއިން ފަސް މީހުންނަކީ ގއ. ކޮނޑޭގެ އެއް އާއިލާއަކަށް ނިސްބަތްވާ ފަސް މީހެކެވެ.

އެ ފަސް މީހުންނަކީ 30 އަހަރުގެ އަބްދުﷲ މުބާރަކާއި، 18 އަހަރުގެ އަލީ މުއިއްޒު ހަސަނާއި، 32 އަހަރުގެ އަހްމަދު އަޒްމީރާއި، 27 އަހަރުގެ ޒޫނާ ޒަރީރާއި 30 އަހަރުގެ ޒާހިދާ ޒަރީރެވެ. މީގެ ތެރެއިން އަބްދުﷲ މުބާރަކަކީ، ޕައިލެޓް ކަމުގެ ލައިސެންސް އޮތް މީހެއް ކަމަށާއި، އެމެރިކާއިން އެންމެ ކަންބޮޑުވާ ކަމަކީ އެއީ ކަމަށް އެ ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވެ އެވެ.

ޓައިމްސް އޮފް އިންޑިއާއިން އެ ވާހަކަ ރިޕޯޓު ކުރުމާ ގުޅިގެން، އެންސީޓީސީން އެމްއެންޑީއެފްގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ޚަބަރުގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ޢާއިލާގެ ފަރާތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ލިބުމާއެކު، އެ ފަރާތްތައް އަނބުރާ ރާއްޖެ ގެނައުމަށްޓަކައި ދިވެހި ސަރުކާރުގެ ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

"ނަމަވެސް، މިކަމުގެ މަޢުލޫމާތު ލިބުނު އިރުވެސް މިމީހުންވަނީ އިންޑިއާއިން ބޭރުވެފައިކަމުން، އެމީހުން އަނބުރާ ރާއްޖެ ގެނެވޭގޮތް ވަނީ ނުވެފައެވެ،" ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު ބަޔާނުގައި ބުނެފައިވެ އެވެ.

ބޭރުގެ އެފަދަ ތަފާތު ހަމަނުޖެހުންތަކުގައި "މަދުން" ނަމަވެސް ދިވެހީން ބައިވެރިވަމުން އަންނަކަމީ ސަރުކާރުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. ސީރިއާ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށްދާ ދިވެހިންނަށް އެތައް ނުރައްކާތަކެއް ކުރިމަތިވެ، އެފަރާތްތަކުގެ ޢާއިލާތަކަށް ހިތްދަތިކަމާއި ނިކަމެތިކަން ކުރިމަތިވަމުންދާ ކަމަށް ވެސް އެންސީޓީސީގެ ބަޔާނުގައިވެ އެވެ.

"ބޭރުގެ މިފަދަ ހަމަނުޖެހުންތަކުގައި ދިވެހީން ބައިވެރިވުން ހުއްޓުވުމަށްޓަކައި ދިވެހި ސަރުކާރުން ދަނީ ތަފާތު އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިކަމުގައި ދިވެހި އެންމެހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް ދަންނަވަމެވެ،" އެންސީޓީސީގެ ބަޔާނުގައިވެ އެވެ.

"ވީމާ، ކުރިއަށްއޮތް ތަނުގައިވެސް މިފަދަ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމަޢުލޫމާތު ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކާއި ޙިއްޞާކުރެއްވުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ،"