23 Apr 2016, 00:30
ރާއްޖެ އާއި އިންޑިއާ ސަރުކާރާ ދެމެދު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސޮއިކުރި "މެމޮރެންޑެމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ) އޮން ކޯޕަރޭޝަން އިން ސްޕޯޓް އެންޑް ޔޫތު އެފެއާޒް"ގެ ދަށުން ބާއްވާ މޯލްޑިވްސް-އިންޑިއާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް ފަށައިފި އެވެ.

މޯލްޑިވްސް-އިންޑިއާ ޔޫތު އެކްސްޗޭންޖު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގު ޑިރެކްޓަރު އަބްދުއް ރައްޒާގު ވާހަކަ ދައްކަވަނީ --- ސަން/ފޮޓޯ: ފަޔާޒް މޫސާ
އެ ޕްރޮގުރާމް ފެށުމަށް މިއަދު ހޮޓެލްޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގު ޑިރެކްޓަރު އަބްދުއް ރައްޒާގު ވިދާޅުވީ، މޯލްޑިވްސް-އިންޑިއާ ޔޫތު އެކްސްޗޭންޖު ޕްރޮގުރާމަކީ ރާއްޖެ އާއި އިންޑިއާ ދެމެދުގައިވާ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކޮންމެހެން ވެސް މުހިއްމު ޕްރޮގުރާމެއް ކަމަށެވެ.
"މި ޕްރޮގުރާމްގެ ސަބަބުން ދެ ގައުމުގެ ޒުވާނުންނަށް ވެސް ގުޅުން ބަދަހިކޮށް ތަޖުރިބާ ހިއްސާ ކުރުމަށް ފުރުސަތުތަކެއް ފަހިވެގެން ދާނެ،" އަބްދުއް ރައްޒާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ޕްރޮގުރާމްގެ ސަބަބުން ޒުވާނުން ކަންކަމުގައި އިސްނެގުން އިތުރުވެ މަސައްކަތުގެ މާހައުލުގައި ބައިވެރިވުން ރަނގަޅު ވެގެންދާނެ ކަމަށެވެ.
ހަމައެއާކު، ރާއްޖޭގެ އާބާދީގެ 35 ޕަސެންޓަކީ ޒުވާނުން ކަމަށާއި ޒުވާނުންނަށް ދިމާވާ ގޮންޖެހުންތައް ނައްތާލުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އަބްދުއް ރައްޒާގު ވިދާޅުވި އެވެ.

މޯލްޑިވްސް-އިންޑިއާ ޔޫތު އެކްސްޗޭންޖު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވާހަކަ ދައްކަވަނީ --- ސަން/ފޮޓޯ: ފަޔާޒް މޫސާ
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ، އިންޑިއާ އަކީ ރާއްޖޭގެ އިޖުތިމާއީ އިގުތިސާދީ އަދި ސަގާފީ ދާއިރާ ކުރިއެރުވުމުގައި ވަރަށް މުހިއްމު ހިއްސާދާރެއް ކަމަށެވެ.
"ރާއްޖެ އާއި އިންޑިއާ އަކީ އަބަދުވެސް ވަރަށް ހާއްސަ ރަހުމަތްތެރިކަމުގެ ގުޅުމެއް އޮންނަ ދެ ގައުމެއް. ރާއްޖެ އަކީ އަބަދުވެސް އެކިއެކި ކަންކަމުގައި އިންޑިއާ އަށް ވަރަށް އެހީތެރިވާ ގައުމެއް،" އަކީލޭޝް މިޝްރާ ވިދާޅުވި އެވެ.
ހަމައެއާއެކު، އިންޑިއާ އާއި ރާއްޖެ އާ ދެމެދު ވަރަށް ޝައުގުވެރި އެއް ގޮތް ކަންތައްތަކެއް އެބަހުރި ކަމަށާއި އިންޑިއާ އަދި ރާއްޖޭގައި ވެސް ޒުވާނުންގެ އާބާދީ ބޮޑު ކަމަށް އަކިލޭޝް ވިދާޅުވި އެވެ.
"އިންޑިއާގެ އާބާދީގެ 68 ޕަސެންޓަކީ 35 އަހަރުން ދަށުގެ މީހުން. ރާއްޖޭގައި އާބާދީގެ 65 ޕަސެންޓަކީ 35 އަހަރުން ދަށުގެ މީހުން،" އަކިލޭޝް މިޝްރާ ވިދާޅުވި އެވެ.

މޯލްޑިވްސް-އިންޑިއާ ޔޫތު އެކްސްޗޭންޖު ފެށުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ފަޔާޒް މޫސާ
ހަމައެހެންމެ، ޒަމާނީ ވަސީލަތްތައް ބޭނުން ކުރުމުގައި ރާއްޖެ އޮތީ އިންޑިއާ އަށްވުރެ ކުރީގައި ކަމަށާއި އިޖުތިމާއީ ގިނަ ކަންތައްތަކެއްގައި ވެސް އިންޑިއާ އަށްވުރެ ރާއްޖެ ކުރިއަރާފައިވާ ކަމަށްވެސް އަކިލޭޝް ވިދާޅުވި އެވެ.
މޯލްޑިވްސް-އިންޑިއާ ޔޫތު އެކްސްޗޭންޖު ޕްރޮގުރާމްގެ ދަށުން އިންޑިއާގެ 50 ޒުވާނަކު މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ. އަދި އެ 50 ޒުވާނުން އެއް ހަފުތާގެ މުއްދަތަށް ރާއްޖޭގައި މަޑު ކުރަން ހަމަޖެހިފައިވެ އެވެ.
ޔޫތު މިނިސްޓްރީން މީގެ ކުރިން ބުނީ، ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް ނިމިގެންދާއިރު އިންޑިއާގެ ޒުވާނުންގެ ހާލަތު ރަނގަޅަށް އެނގި، ދެ ގައުމުގެ ޒުވާނުން ގުޅިގެން ކުރެވޭނެ ކަންތައްތަކާމެދު މަޝްވަރާކުރެވި ނަތީޖާއެއްގެ ގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެންދާނެ އެވެ.
އެ ޕްރޮގުރާމްގެ މައިގަނޑު ސްޕޮންސަރަކީ ދިރާގު އެވެ. އަދި ކޯ ސްޕޮންސަރަކީ އެމްއެމްޕީއާރްސީ އަދި ޕީއެސްއެމް އެވެ.
ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން އަންނަ މަހުގެ 10 އިން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ 50 ޒުވާނުން އިންޑިއާއަށް ފޮނުވުމަށް ވެސް ހަމަޖެހިފައިވެ އެވެ.