ޖެނީވާ (އޭޕްރިލް 22): އިނގިރޭސިވިލާތުގައި މަދަނީ މުޖުތަމައަށް އޮތް ފުރުސަތުތައް ހަނި ވަމުންދާ ކަމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާ ބެހޭ ހައްގުތަކަށް ހަމަޖައްސާފައި ހުންނަ ރެޕެޓުއާ، މައިނާ ކިއައީ ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުުފުޅަކަށް ފަހު ދެއްވި ބަޔާނެއްގައި ކިއައީ ވަނީ "އިނގިރޭސިވިލާތަކީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަަކަށް އިސްކަންދޭ މިސާލެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ބަޔަކު ދެކޭ" ގައުމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ގައުމުން ވަނީ 2013 ވަނަ އަހަރު ޔޫއެން އިން ހުށަހެޅި އިސްލާހުތަކާ އެއްގޮަތަށް އަމަލު ކޮށްފައި ކަމަށާއި، އެގައުމުން އިންސާނީ ހައްގުތަކާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމަށް އިސްކަންދޭ މިންވަރަށް ތައުރީފު ކުރައްވާފަ އެވެ.

ނަމަވެސް، އިނގިރޭސި ސަރުކާރުން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގެ މަދަނީ މުޖުތަމައަށް އޮތް ފުރުސަތުތައް ބަންދު ވަމުންދާ ކަމަށްވެސް ކިއައީ ފާހަގަ ކުރެއްވި އެވެ.

"ސަރުކާރުން މިހާރުވެސް އަމަލު ކުރަމުންދާ އަދި އަޅަން ހުށަހަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މަދަނީ މުޖުތަމައަށް އޮތް ފުރުސަތުތަައް ހަނިވަމުން އެބަދޭ. މަަދަނީ މުޖުތަމައާ ބެހޭގޮތުން ސަރުކާރުން ދެކެނީ ރަނގަޅަށް ނޫން ކަމަށާއި މަދަނީ މުޖުތަމައަކީ ސަރުކާރު ޒިންމާދާރު ކުރުމުގެ ބާރު އޮންނަ އަދި ޒިންމާދާރު ކުރަން ޖެހޭ ބައެއް ކަމަށް ސަރުކާރުން ނުދެކޭ ކަމަށް ދައްކާތީ އަޅުގަނޑު ކަންބޮޑުވޭ،" ކިއައީގެ ބަޔާނުގައިވެ އެވެ.

އެގޮތުން ކިއައީ ވަނީ އިނގިރޭސިވިލާތުގެ ސަރުކާރުން "ހައްދުފަހަނަ އަޅާފައިވުން" މާނަ ކުރާ ގޮތް ތަފްސީލުކޮށްފައި ނުވާ ކަމަށާއި "ފުލުހުން ވަނީ މުޒާހަރާ ކުރާ ފަރާތްތަައް ހުއްޓުވުމަށް ތަކުރާރުކޮށް އެކަށީގެންވާ ވަރަށް ވުރެ އިތުރަށް ބާރުގެ ބޭނުންކޮށްފަ" ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ސަބަބުން ސުލްހަވެރިކަަމާ އެކު މުޒާހަރާ ކުރާ ރައްޔިތުންނަކީ ވެސް ހައްދުފަހަނައަޅާފައިވާ ބައެއްގެ ގޮތުގައި ފާހަގަކޮށްފާނެ ކަމުގެ ބިރު އޮތުމުން ހިޔާލު ފާޅު ކުރުމަށް ހުރަސް އެޅޭ ކަމަށް ކިއައީ ވިދާޅުވި އެވެ.

މީގެ އިތުރުން އެ ގައުމުގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ޓްރޭޑް ޔޫނިއަން ބިލުގެ ދަށުން ހަޅުތާލު ކުރާ މުވައްޒަފުން މަގާމުން ވަކި ކުރުމަކީ ވެސް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ކިއައީ ވިދާޅުވި އެވެ.