22 Apr 2016, 21:04
ޕެރިސް އެގްރިމެންޓް އޮން ކްލައިމެޓް ޗޭންޖްގައި ރާއްޖެއިން ސޮއިކޮށް ތަސްދީގުކޮށްފި އެވެ.
ނިއުޔޯކުގައި ހުންނަ އދ.ގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ އެގްރިމެންޓްގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމެވެ.
މިނިސްޓަރު ތާރިގު އިބްރާހިމާ ހަވާލާ ދެއްވައި އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ޕެރިސް އެގްރިމެންޓްގައި ސޮއިކުރުމަށް އެހެން ގައުމުތަކަށް މިނިސްޓަރު ތާރިގު ގޮވާލައްވާފައިވާ ކަމަށެވެ.
އެ އެގްރިމެންޓްގައި ގިނަ ގައުމުތަކުން ސޮއިކޮށްފައިވުމަކީ ރާއްޖެ ވަރަށް ބޮޑަށް އުފާކުރާ ކަމެއް ކަމަށް ތާރިގު ވިދާޅުވި ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
"ވަކިން ޚާއްސަކޮށް އެއޯސިސްގެ ރިޔާސަތު ބަލަހައްޓާ ގައުމުހެ ހައިސިއްޔަތުން ރާއްޖެއިން ތަކުރާރުކޮށް ގޮވާލި ގޮވާލުމަށް ގިނަ ގައުމުތަކުން އިޖާބަދީފައި ވާތީ އެކަމަށްޓަކައި ވަރަށް އުފާފުޅުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ،" އެންވަޔަރަމަންޓް މިނިސްޓްރީން މިރޭ އާންމު ކުރި ޚަބަރުގައިވެ އެވެ.

ފެރިސް އެގްރިމެންޓުގައި ރާއްޖޭގެ ފަރާތުން މިނިސްޓަރު ތާރިގު ސޮއި ކުރައްވަނީ-- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ
ޕެރިސް އެގްރިމެންޓްގައި 150 އަށް ވުރެގިނަ ގައުމުން ވަނީ ސޮއިކޮށްފަ އެވެ. އަދި އެގާރަ ގައުމުން އެ އެގްރިމެންޓް ވަނީ ތަސްދީޤުކޮށްފަ އެވެ. ޕެރިސް އެގްރިމެންޓަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޕެރިހުގައި އެކުލަވާލި އެގްރިމެންޓެކެވެ. އެ އެގްރިމެންޓް އެކުލަވާލުމުގައި އެއޯސިސްގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން ރާއްޖެއިން ވަނީ ވަރަށް އިސް ދައުރެއް އަދާކޮށްފަ އެވެ. ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ވަކާލާތުކޮށް ކޮޕް 21އަކީ ކާމިޔާބު ކޮންފަރެންސަކަށް ހެދުމުގައި ރާއްޖެއިން ވަނީ އިސްދައުރެއް އަދާކޮށްފަ އެވެ.