22 Apr 2016, 20:23
ތ. ތިމަރަފުށީ އެއާޕޯޓް ފެހި ކުރުމުގެ ޕްރޮގްރާމެއް އައިލެންޑް އޭވިއޭޝަނުން ކުރިއަށް ގެންގޮސްފި އެވެ.
ތިމަރަފުށީ އެއާޕޯޓް ހިންގަމުންދާ އައިލެންޑް އޭވިއޭޝަނުން އެ އެއާޕޯޓް ފެހިކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މިއަދު ފާހަގަ ކުރަމުންދާ "އާތު ޑޭ"އާ ގުޅުވައިގެންނެވެ.
އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު "ސަން"އަށް ވިދާޅުވީ ތިމަރަފުށީ އެއާޕޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގައި 100 އަށް ވުރެ ގަސް އިންދާފައިވާ ކަމަށާއި ގިނައިން އިންދާފައި ވަނީ ހިޔާލިބޭ ބޮދެތި ގަސްތައް ކަމަށެވެ.

ތިމަރަފުށީ އެއާޕޯޓް ފެހި ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވި އައިލެންޑް އޭވިއޭޝަންގެ ބައެއް މުވައްޒަފުން ފޮޓޯއަކަށް ހުއްޓިގެން-- ފޮޓޯ/ އައިލެންޑް އޭވިއޭޝަން
"ހިޔާ ލިބޭ ގަސްތައް އިންދާފައި ވާނީ. އޭގެ ތެރޭގައި ގިނައިން ހިމެނޭނީ 'އޮފިއެލޭ'. ހިރުނދު ގަސް ވެސް އިންދާފައިވާނެ. އަދި ބައެއް ހިސާބުތަކުގައި ފަޅޯގަސް ވެސް އިންދާފައިވޭ،" ނަޝާތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހަރަކާތުގައި އައިލެންޑް އޭވިއޭޝަންގެ 60 ވަރަކަށް މުވައްޒަފުން ބައިވެރިވި ކަމަށެވެ. އަދި އެއާޕޯޓުގައި ހިދުމަތް ދެމުންދާ އޭވިއޭޝަން ސެކިއުރިޓީގެ މުވައްޒަފުންނާއި ފުލުހުން ވެސް ބައިވެރިވި ކަމަށް ނަޝާތު ވިދާޅުވި އެވެ.