06 May 2011, 16:40
ތަކެތީގެ އަގު ތިރުކުރުމަށް ގޮވާލައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް ބުނެ ރާއްޖޭގެ އިގުތިސާދު އިތުރަށް ދަށަށް ހިނގައިދާނެކަމުގެ އިންޒާރު މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަނުން ދީފި އެވެ.
"ތަކެތީގެ އަގުމައްޗަށް، ރައްޔިތުން ހަނާވަނީ" މިނަމުގައި ޒުވާނުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކާއި ގުޅޭގޮތުން ރައީސް ނަޝީދު އުފައްދަވާފައިވާ ޕީއާރު ކުންފުނިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ ޑޮލަރުގެ އަގު ތިރިކުރުމަށް ކަމަށް ބުނެ މިހާރު ކުރަމުން އަންނަ މުޒާހަރާތަކުގެ ސަބަބުން ބޭރުގެ ބައެއް ގައުމުތަކުން ރާއްޖެއަށް ޒިޔާރަތް ނުކުރުމަށް ޓްރެވަލް އެޑްވައިޒަރީ ތައް ނެރެން ފަށާފައިވާ ކަމަށާއި އެކަމުން ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތަށް ނޭދެވޭ އަސަރުކުރުމުން އަންނަ ކަމަށެވެ.
"ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ތަނެއްނޫންކަމަށް ބޭރުދުނިޔެއަށް ފެންނަމުން މިދަނީ މާލޭގަ މިހާރު ކޮންމެރެއަކު ބާއްވާ މުޒާހިރާތަކާއި އަދި ގައުމުގެ އަމާންކަން ގެއްލުވާލަން މިމުޒާހިރާތަކުގަ ހިންގާ ހަރަކާތްތަކުގެ ސަބަބުންނެވެ،" ޓްރެވަލް އެޑްވައިޒަރީ ތަކާއި ގުޅޭގޮތުން އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ދުނިޔޭގެ މީޑިޔާތަކުގެ ނަޒަރު ހުއްޓިފައިވާ ސިލްސިލް މުޒާހަރާތަކުގެ ސަބަބުން ރާއްޖެއަށް ބުކިން ހަދައިފައިވާ ބައެއް ފަރާތްތަކުން ބުކިންސްތައް މިހާރު ކެންސަލް ކުރަން ފަށައިފައިވާކަމަށް ޕީއާރު ފާމްއިން ބުނެ އެވެ.
"ޗައިނާއިން އޮޕަރޭޓް ކުރާ ބައެއްފަރާތްތަކުން ކެންސަލޭޝަންތައް މިހާރުވެސް އަންނަން ފަށައިފި އެވެ. ދުބާއީގައި މިހާރު ހިނގަމުންދާ ފަތުރުވެރިކަމުގެ ފެއަރ އެއް ކަމަށްވާ "އެރެބް ޓްރެވަލް މާޓް" ގައިވެސް ރާއްޖެއަށް ކުރިން ހަދާފައިވާ ބުކިންސް ބައެއް ފަރާތްތަކުން ކެންސަލް ކުރަމުންނެވެ،" ޕީއާރު ކޯޕަރޭޝަންގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ތައްޔިބު މުހައްމަދު އެބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ޒުވާނުންގެ ސިލްސިލާ މުޒާހަރާތަކަކީ ދެކޮޅު ނުޖެހޭ މުޒާހަރާތަކެއް ކަމަށް ފާހަގަކޮށް، އެ ބަޔާނުގައި ބުނަނީ "ހިޔާލާއި ޝުއޫރު ފާޅުކުރުމުގެ ނަމުގަ ގައުމުގެ ސުލްޙަ މަސަލަސްކަން ނަގާލައި، ރާއްޖެއަކީ ފަތުރުވެރިންނަށް ބިރުވެރި ތަނަކަށް ބަދަލުވުމަކީ އެއްވެސް މިންވަރަކަށް ބަލާގަނެވޭނެ ކަމެއް ނޫން" ކަމަށެވެ.
ތަކެތީގެ އަގުތަށް ތިރިކުރުމަށް ޒުވާނުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ފެށި ސިލްސިލާ މުޒާހަރާތަށް ވަރުގަދަވެ ހާހުން ހާހުން މީހުން އެއްވެ ތަފާތު ހަމަނުޖެހުންތައް އަންނަނީ ހިނގަމުންނެވެ. އަދި މިއަދު ހުކުރު ނަމާދަށްފަހު ފުރަމާލޭގެ ގްރީން ޒޯންއަށްވެސް ބަޔަކު އެއްވެ ވަނީ އަޑުއުފުލައިފަ އެވެ. އެތަނުގައިވެސް ފުލުހުންނާއި އާންމުންނާއި ދެމެދު ހަމަނުޖެހުންތައް ހިނގާފައިވެ އެވެ. އަދި މަޖިލީހުގެ މެންބަރުންނާއި ބައެއް އާންމުންވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.