ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާއާ ގުޅިގެން، ނ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ އެ ދެ އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާޓު ނެރެފި އެވެ.

ޔެލޯ އެލާޓް ނެރެނީ ދިމާވެދާނެ ކަމަކަށް ތައްޔާރީ ހާލަތުގައި ތިބުމަށް އެންގުމަށާއި ކަމާ ބެހޭ އިދާރާތައް ރައްޔިތުންނަށް ދިމާވެދާނެ ކަމަކުން ސަލާމަތްވުމަށް ތައްޔާރުވުމަށެވެ. ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ގަދަ ވަޔާއެކު ނަގޫރޯޅިއެއް އަރާފާނެ ހާލަތުގައި ޔެލޯއެލާޓް ނެރެފައިވަނިކޮށް ކަނޑުދަތުރުކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.

އެ ދެ އަތޮޅަށް މެޓު އޮފީހުން ޔެލޯ އެލާޓު ނެރެފައި ވަނީ މިއަދު ހަވީރު 4:50 އިން ފެށިގެން މިރޭ 8:50 އަށެވެ. މެޓު އޮފީހުން ބުނީ އެ ގަޑިތަކުގައި ގަދަ ވަޔާއި އެކު އެ ދެ އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ނ. އަތޮޅާއި ލ. އަތޮޅުގެ ރަށްތަކަށް މެޓު އޮފީހުން ޔެލޯ އެލާޓު ނެރެފައިވާއިރު މިއަދު ހެނދުނު މެޓު އޮފީހުން ވަނީ މެދުރާއްޖެ ތެރޭގެ ރަށްތަކަށް ވެސް ޔެލޯ އެލާޓު ނެެރެފަ އެވެ.

މެޓު އޮފީހުން ބުނީ މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރަ މާދަމާގެ ހެނދުނާ ހަމައަށް ކުރިއަށްދާނެ ކަމަށް ބެލެވޭ ކަމަށެވެ.

މެޓު އޮފީހުން މިއަދު ބުނީ މެދުތެރެ އާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި ބުނީ އުތުރުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަަމަށެވެ.