06 May 2011, 16:35
ކޮތަޅަކަށްލާ އެއްލައިލައިފަ އޮއްވާ އިއްޔެ ޓްރެކް ސަރަހައްދުން ފެނުނު ކުއްޖާގެ ހަށިގަނޑުން ކޮންމެވެސް ވަރަކަށް އަނިޔާގެ ނިޝާންތައް ހުރި ކަމަށާއި އެ މައްސަލަ މިހާރު ބަލަމުން ކަމުގައި ފުލުހުން ބުނެފި އެވެ.
ފޫޅުދަނޑިއާއި މަހާއެކު އެ އަންހެންކުއްޖާ އިއްޔެ މެންދުރު 1:30 އެހާކަންހާއިރު ފެނިފައިވަނީ ޓްރެކް ސަރަހައްދަށް ފަތަން ގޮސް އުޅުނު މީހަކަށެވެ. އެކުއްޖާ މޫދު އަޑިން ނެގިއިރު، ކުއްޖާގެ އަތާއި ފައިން ޒަހަމްތަކެއް ފެންނަން ހުރި އެވެ. އަދި ކޮންމެވެސް ވަރަކަށް ލޭފައިބަމުންދިޔަ ކަމަށް ވެސް އެކުއްޖާ ނެގި ފަރާތުން ވަނީ ބުނެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް، ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ، އައިޖީއެމްއެޗަށް ކުއްޖާ ގެންގޮސް ހެދި ޓެސްޓުތަކުން އެކުއްޖާގެ ހަށިގަނޑަށް ކޮންމެވެސް ވަރަކަށް ކުދިކުދި އަނިޔާ ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް، އެކުއްޖާ މަރުވީ ކޮން ސަބަބަކާ ހުރެކަން އަދި ވިދާޅުވާން ނޭގޭ ކަމުގައި ޝިޔާމް ވިދާޅުވި އެވެ.
"ސީދާ ކަނޑައެޅިގެން ބުނަން ނެގޭ މަރުވީ ކިހިނެތްކަން. މަރުވެފައި އޮއްވާ އެއްލައިލީތޯ ނޫނީ ވިހައިފަ އޮއްވާ މަރުވުމުން އެއްލައިލީތޯ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ، އެކުއްޖާގެ މަރުގެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށާއި އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖް ހޯދައިގެންވެސް ބަލަންޖެހޭ ހުރިހާ ކަމެއް ބަލަމުންގެންދާ ކަމަށެވެ. އަދި ކުއްޖާ ނެގިއިރު އޮތީ ވަރަށް ތާޒާކޮށް ކަމަށްވާތީ، މޫދުގައި އޮންނަތާ އެހާ ގިނަ ދުވަސްވެފައިވާ ކަމަށް ނުބެލެވޭ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.
ދުވަސްނުފުރާ އުފަންވެފައިވާ ކަމަށް ބެލެވޭ އެކުއްޖާ އިއްޔެ ވަނީ ވަޅުލައިފަ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހު ވެސް ފޫޅު ނުކަނޑައި އޮތް އަންހެން ކުއްޖަކު އެއްލައިލައްފައި އޮއްވާ ވަނީ ފެނިފަ އެވެ. ހުޅުމާލެ ގޮނޑު ދޮށަށް އެއްލައިލައިފަ އޮއްވައި ފެނުނު އެކުއްޖާއަށް ދެރަ ގޮތެއް ވުމުގެ ކުރިން އާއްމުންގެ ބަޔަކަށް ފެނިގެން އެކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ވަނީ ފުރާނަ ސަލާމަތްކޮށްފަ އެވެ.
މިހާރު އެކުއްޖާ ވަނީ އާއިލާއަކުން އެޑޮޕްކޮށްފަ އެވެ.